މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް އިއްވުން އަނެއްކާވެސް ފަސްކޮށްފި އެވެ.
މިއީ ހުކުމް އިއްވުން ފަސްކުރި ދެވަނަ ފަހަރެވެ. ހުކުމް ކުރުމަށް ތާވަލްކޮށްފައޮތް ޝަރީއަތްތައް ކުރިޔަށް ގެންދަން އޮތީ މިރެ އެވެ. ޝަރީއަތްތައް ކެންސަލް ކުރި ސަބަބެއް ކޯޓުން ހާމައެއް ނުކުރެ އެވެ.
ކުރިން ތާވަލްކޮށްފައި އޮތް ގޮތުން މިރޭ 8:00 ގައި އޮތީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތަށް ހުކުމް އިއްވުމެވެ. 09:00 ގައި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް ހުކުމް އިއްވުމަށް ތާވަލްކޮށްފައި އޮތް އިރު 10:00 ގައި އޮތީ ކުރީގެ ކާނަލް ޒިޔާދުގެ މައްޗަށް ހުކުމް އިއްވުމެވެ.
އެބޭފުޅުންގެ މައްޗަށް ހުކުމް އިއްވުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރެއަށް ވެސް ތާވަލް ކުރި އެވެ. ނަމަވެސް އެ އަޑުއެހުންތައް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
އެބޭފުޅުންގެ އިތުރުން އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތް އަދި ނިމިފައެއް ނުވެ އެވެ. ސަބަބަކީ އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި އުޅުއްވާތީ އެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ހުކުމް އިއްވުން ސަބަބެއް ނެތި ދެ ފަހަރު ލަސްކޮށްފައިވާއިރު އެ މައްސަލައިގަ ދެން ދައުލަތުން ދައުވާ އުފުލި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ވަނީ އެންމެ ޝަރީއަތެއްވެސް ކެންސަލް ނުކޮށްލާ ގިސް ހުކުމް އިއްވާފަ އެވެ. ޝަރީއަތްތައް ކުރިޔަށް ގެންދާލެއް އަވަސް ކަމުން އިތުރު ވަގުތަށް ނަޝީދުގެ ގާނޫނީ ޓީމުން އެދުމުންވެސް އެ ފުރުސަތު ދީފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް