ދިވެހި ދައުލަތަށް ހިދުމަތްކުރާ ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެފަދަ ބޭފުޅުންނަށް ވެސް ގައުމީ އިނާމު ލިބޭ ގޮތަށް ފުރުސަތު ހުޅުވާލުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.
ރައީސް އެކަމަށް އެދިވަޑައިގެންނެވީ އަލަށް އެކުލަވާލި ގައުމީ އިނާމާ ބެހޭ ކޮމިޓީއާއި، ހާއްސަ އިނާމާ ބެހޭ ކޮމިޓީގެ ބޭފުޅުންނާއެކު މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި އެވެ.
މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ އެބޭފުޅަކު އެ ހިދުމަތް ކުރައްވާ ދާއިރާއަކުން އިނާމު ހައްގު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ވާންޖެހޭ ކަމަށެވެ. އެގޮތުން މިއަހަރު ސަރުކާރަށް ކުރާ ހިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތަށް ހިދުމަތް ކުރުމުގެ ދާއިރާއިން އިނާމަށް ފުރުސަތު ހުޅުވާލުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ވަރަށް ފަންނުވެރި ހުނަރުވެރި ޒުވާނުން ތިބުމާއެކު ޒުވާނުންގެ ޝައުގުވެރިކަން ހުރި ދާއިރާތަކަށް އިސްކަން ދީގެން އިނާމުތަކަށް ފުރުސަތު ހުޅުވާލުމުގެ މުހިއްމު ކަމުގެ މައްޗަށް ވެސް ރައީސް ވާހަކަ ދެއްކެވި އެވެ.
ސަރުކާރުން ދެމުންގެންދާ ހާއްސަ އިނާމުގެ ބަޔަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ އިނާމު ދެއްވުމަށް މިހާރު ބައްލަވާ މިންގަނޑުތައް އަލުން ދިރާސާ ކުރައްވައި، ގެންނަވަންޖެހޭ އިސްލާހުތައް ގެނައުމަށާއި ޕީއެޗްޑީ ހާސިލްކުރައްވާ ފަރާތްތަކަށް އިނާމު ދެއްވުމުގައިވެސް އުސޫލުތަކެއް އެކުލަވާލުމަށް އެދިވަޑައިގެންނެވި އެވެ. އަދި ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން މިއަހަރުވެސް ތަފާތު ރޮނގުތަކަށް ފުރުސަތު ހުޅުވާލުމުގެ ބޭނުންތެރިކަމުގެ މައްޗަށް ވެސް ރައީސް ވާހަަކަ ދެއްކެވި އެވެ.
ގައުމީ އިނާމާއި ހާއްސަ އިނާމު ދެނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް