ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ކުރު ޗުއްޓީއެއް ނަންގަވައިފި އެވެ.
ނައިބް ރައީސް ޗުއްޓީއަކަށް ނެންގެވިކަން ޔަގީންކޮށްދެއްވާ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ޓުވިޓާގައި ވިދާޅުވެފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައި ނައިބް ރައީސް ޑރ ޖަމީލް މިއަދު ރާއްޖެއިން ބޭރަށް ފުރާ ވަޑައިގެންނަވާފައިވާ ކަމަށެވެ. އަދި އެނބުރި ވަޑައިގެންނަވާނީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށް މުއާޒު ވިދާޅުވެފައި ވެއެވެ.
ނަމަވެސް ވަޑައިގެންނެވީ ކޮން ގައުމަކަށް ކަމެއް އަދި ޗުއްޓީ ނެންގެވި ބޭނުމެއް ހާމައެއް ނުކުރައްވައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނައިބް ރައީސް ވަޑައިގެންނެވީ ތައިލެންޑަށެވެ.
https://twitter.com/SpokespersonMV/status/584938325447815168
ނައިބް ރައީސް ކަމާއި ހަވާލުވެވަޑައިގެން ފަހުން ޑރ ޖަމީލް އަމިއްލަ ދަތުރުފުޅެއްގައި ބޭރަށް ވަޑައިގެން ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ.
ނައިބް ރައީސް އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންފައި މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އެވެ. އަދި ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަމާއި ބެހޭގޮތުން ނައިބް ރައީސް ޑރ ޖަމީލް އެއްޗެއް ވިދާޅުވާތަނެއްވެސް ނުފެނެ އެވެ.
މައުލޫމާތު ލިބޭގޮތުގައި ރައީސް ޔާމީންގެ ނިންމެވުންތަކާއި މެދު ޑރ ޖަމީލް ހިތްހަމަ ޖެހިވަޑައި ނުގަންނަވާކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް