ރައީސް ރަސްފަންނަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްފަންނަށް ޒިޔާރަތްކުރައްވައި، އެތަނުގެ މާޙައުލަކީ ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރައްވަމުންގެ...

06 Mar 2025 | 11:14

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްފަންނަށް ޒިޔާރަތްކުރައްވައި، އެތަނުގެ މާޙައުލަކީ ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރައްވަމުންގެންދަވާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

ސަރުކާރުން މި މަސައްކަތް ފައްޓަވާފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 14 ވީ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި ރަސްފަންނުގެ ޙާލަތު ވަޒަންކުރެއްވުމަށްފަހު އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތައް ގުޅިގެންނެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުގައި އެދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްފަންނާއި ސަލްޓަންޕާކްގެ ޙާލަތު ފެނިވަޑައިގެންނެވުމުން ހިތާމަކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެ ދެ ތަނަކީވެސް ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ ދެތަން ކަމަށް ވުމާއެކު، އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދެއްވައި އަދި ކުރިޔަށްވުރެވެސް އެދެތަން ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން އެމަނިކުފާނު އެދުވަހު ވަނީ ހާމަކުރައްވާފައެވެ.

"ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މިހާތަނަށް ވަގުތީ ގޮތުން ރަސްފަންނު ބޭނުންކުރެވޭ ޙާލަތަށް ގެނައުމަށް ކޮށްފައިވާ މަސައްކަތްތައް ބައްލަވާލައްވައި އެ މަސައްކަތާބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވާފައި" ރައީސް އޮފީހުން ބުނެފައިވެއެވެ.

މިއަދުން ފެށިގެން ވަގުތީގޮތުން ރަސްފަންނު ޢާންމުންނަށް ހުޅުވާލާއިރު، ރަސްފަންނުގެ މޫދުން ކިސަޑު ނަގައި ގޮނޑުދޮށުން ގިރައިގެންގޮސްފައިވާ ސަރަޙައްދަށް މިހާރު ވަނީ އަލުން ދޮންވެލިލައި އެއްވަރުކޮށްފައި ކަމާއި މީގެ އިތުރުން ވީރާނާވެފައި ހުރި ހަޓުތަކުގެ ފުރާޅާއި މޭޒާއި ގޮނޑިތައް އަލުން މަރާމާތުކޮށް، ހަލާކުވެފައި ހުރި ފެންވަރާ މާގަނޑުތައް ވަނީ ރަނގަޅުކޮށްފައި ކަމާއި،  ރަސްފަންނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށް އިތުރަށް ކުރަންހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވައި، ރަސްފަންނަކީ ކުރިއަށްވުރެ ފުރިހަމަ ތަނަކަށް ހެއްދެވުމަށް ކަމާގުޅޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވި ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.

މި ރަމަޟާން މަސް ނިމުމާއެކު ރަސްފަންނު ބޭނުންކުރާ ފަރާތްތަކަށް ފާހާނާ ބަރިއެއް ޤާއިމުކުރުމާއެކު މަސްބޭނުމަށް މިހާރުވެސް ބޭނުންކުރަމުންދާ ޕްލެޓްފޯމްގެ އާބާތުރަފިލުވައި އަލުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަމާއި އަދި ރަސްފަންނާއި ސަލްޓަންޕާކަށް ދާއިމީ ޙައްލުތަކެއް ގެނައުމަށް އަލުން ތަރައްޤީ ކުރުމުގެ ޕްލޭންތަކެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަވަނީ ކުރައްވަމުންކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް