މާލޭގެ އެކި ސަރަޙައްދުތަކުގައި މަރުވަމުންދާ ކޮތަރުތަކަށް ޖެހިފައިވާ ބަލި ދެނެގަނެވިފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އެ ވުޒާރާއިން ބުނެފައިވަނީ ކޮތަރުތަކަށް ޖެހިފައިވާ ބައްޔަކީ އިންފެކްޝަސް ކޮރައިޒާކަމަށް ދެނެގަނެވިފައިވާކަމަށެވެ.
"މި ބައްޔަކީ ޢާންމުކޮށް ދޫނި ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް" ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ވުޒާރާއިން ކުރި ޑައިގްނޯސިސް ބިނާކޮށްފައިވާނީ ބަލި ފެތުރިފައިވާ ގޮތާއި، ބަލީގެ ޢަލާމާތްތަކާއި، ނެކްރޯޕްސީ ހޯދުންތަކާއި އަދި ލެބޯޓަރީ ޓެސްޓްތަކުގެ މައްޗަށް ކަމަށް ބުނެފައިވެއެވެ.
"މިއީ އެވިބެކްޓީރިއަމް ޕެރަގެލިނޭރަމް ނަމަކަށް ކިޔާ ދޫނީގެ ނޭވާލާ ނިޒާމަށް ހަމަލަދޭ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް" ބުނެފައިވެއެވެ.
މީގެ އިތުރުން އެ ކޮތަރުތަކަށް ކޮކްސިޑިއޯސިސް، ކެންޑިޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންސް ތައް ޖެހުމުގެ ސަބަބުން ބަލި ބޮޑުވެ ދޫނި މަރުވާ ކަމަށާއި، އެ ބަލި ޖެހުމުން ދޫނިތަކުގެ ނޭފަތުން ފެން އައިސް، ދޫނި ކެއްސާ، ނޭވާލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއުން ބުއިމަށް އުނދަގޫވާކަމަށްވެސް ބުނެފައިވެއެވެ.
"މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާ ބައްޔެއް" އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ބައްޔަކީ އިންސާނުންނަށް އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ކުރިމަތިކުރުވާނެ ބައްޔެއް ނޫން ކަމަށާއި އެހެންނަމަވެސް، މަރުވެފައިވާ ކޮތަރާއި ބަލިވެފައިވާ ކޮތަރާ، ކުޑަކުދިން ކައިރި ނުކުރުމާއި ބޮޑެތި މީހުންވެސް އެތަކެތީގައި އަތްލައި ހިފައި އުޅޭއިރު ރައްކާތެރި ކަމުގެ ވަސީލަތެއް ބޭނުންކުރުމަކީ ރައްކާތެރި ގޮތް ކަމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް