ވާހަކަ: ލޯބިވޭ އިންތިހާ – ސަތާރަވަނަ ބައި

ކުރީގެ ޢަދަދާއި ގުޅޭ.... މުސްތަފާ ބުނި ޖުމުލަ އިން ހަމްޒާ ހައިރާން ވިއެވެ. އޭނާގެ ބައްޕައަށް ނޫރާ އެނގުނީ ކިހިނެއްކަމާމެދު ވިސްނާލިއެވެ. ''ބައްޕަ ނޫރާ ދަންނަތަ؟...... އެނގޭތަ؟........'' ހަމްޒާ އަށް އެ...

06 Mar 2025 | 08:41

ކުރީގެ ޢަދަދާއި ގުޅޭ....

މުސްތަފާ ބުނި ޖުމުލަ އިން ހަމްޒާ ހައިރާން ވިއެވެ. އޭނާގެ ބައްޕައަށް ނޫރާ އެނގުނީ ކިހިނެއްކަމާމެދު ވިސްނާލިއެވެ.

''ބައްޕަ ނޫރާ ދަންނަތަ؟...... އެނގޭތަ؟........'' ހަމްޒާ އަށް އެ ސުވާލުކޮށްލެވުނީ އަޅައަޅައިގަންނަމުންނެވެ.

''ހޫމް........ ބައްޕައަށް ވަރަށް ރަނގަޅަށް ނޫރާ އެނގޭ.........ނޫރާގެ އާއިލާވެސް އެނގޭ......... '' މުސްތަފާ ފޯއްފޮއްޗެއް އަނގަޔަށްލަމުން ހަމްޒާގެ މޫނަށް ބަލާލިއެވެ. ހަމްޒާ އިނީ ނިތްކުރިއަށް ރޫއަރުވާލައިގެންނެވެ. ހީވާގޮތުން އޭނާގެ ބައްޕައަށް ނޫރާ އެނގުނުގޮތަކާމެދު ވިސްނަނީއެވެ.

*****

ހައިރާން ވެފައި އިން ހަމްޒާގެ މޫނަށް ބަލަލުމަށްފަހު މުސްތަފާ ހިނިތުންވެލިއެވެ.

''ހައިރާނވެއްޖެދޯ.......ހަމްޒާ ވިސްނާލިޔަސް އެނގޭނެ ބައްޕަ އަށް ނޫރާ އެނގޭނީ ކޮންގޮތަކުންކަން.........ދޯ ......'' މުސްތަފާ ބުނެލީ އާދައިގެ ރާގެއްގައެވެ. އެހެނަސް ހަމްޒާގެ ނިތްކުރިއަށް އެރި ރޫތައް ފިލައިގެން ނުދިޔައެވެ. އޭނާއަށް އެކަމެއް އޮޅުންފިލި ހެނެއް ހިޔެއްނުވެއެވެ.

''ނޫރާ މަސައްކަތް ކުރަނީ ބައްޕަ ގެ ހިއްސާ އޮންނަ ފިހާރައެއްގައެއްނު........ ނޫރާގެ ސީވީވެސް ބައްޕައަށް ފެންނާނެކަން ދަރިފުޅަށްވެސް އެނގެ އެއްނު........ އެއީ ބައްޕައަށް ނޫރާ އެނގުނުގޮތަކީ........... ސައުދުބެއާއެކު ފިހާރައަށް ވަންނަ ދުވަސްދުވަހު، ނޫރާ ބައްޕައަށް ފެނިފައިވޭ........ ސައުދުބޭ ވެސް ނޫރާއަށް ވަރަށް ތަޢުރީފްކޮށް ވާހަކަ ދައްކާ.........'' މުސްތަފާ އޮޅުންފިލުވައިދިނީ އޭނާއަށް ނޫރާ އެނގުނު ގޮތެވެ.

ހަމްޒާއަށް ވެސް މުސްތަފާ ދެއްކި ވާހަކަ ޤަބޫލު ކުރެވުނެވެ. ނުކުރެވެންވީ ސަބަބެއް ނެތެވެ. ހަމްޒާ ހަނދާންވިއެވެ. މީގެ އެތައް ދުވަހެއް ކުރީގެ ހަނދާނެކެވެ. ފިހާރަތަކުގެ ވަޒީފާއަށް ވަނުމަށް އެދި ހުށައެޅުނު ފޯމުތަކާ، ސީވީތައް ޗެކް ކުރުމުގައި ހަމްޒާވެސް އޭނާގެ ބައްޕަޔާއެކު ބައިވެރިވި ދުވަހެކެވެ. އެއީ ނޫރާގެ ރީތި މޫނު ހަމްޒާއަށް ޚާއްސަވި ފުރަތަމަ ދުވަހެވެ. އެތައް ކުދިންނެއްގެ ތެރެއިން، ހަމްޒާގެ ލޮލުގައި އަޅައިގަތީ ނޫރާގެ ރީތި މޫނެވެ. އެ ސާފު ދެލޮލެވެ. މަޑުމޮޅިކަން ފާޅުވާ ފަނޑު ހިނިތުންވުމެވެ. ޚުދު ހަމްޒާއަށް ވެސް ނޫރާ ފެނުނީ ފިހާރައަށް ކުދިން ނެގި އިރު، އެޕްލައި ކުރި ކުދިންގެ ސީވީ ތައް ތެރެއިންނެވެ.

''ހަމްޒާ.....'' މާޒީގެ ތެރެއަށް ގެންލިފައިން އިން އަމްޒާއަށް ސިހުން ލިބުނީ އޭނާގެ ބައްޕަ ގޮވާލުމުންނެވެ.

''ކީކޭ ބައްޕާ......... އެހެންވީމާ ބައްޕައަށްވެސް ޤަބޫލުކުރެވޭ ދޯ ނޫރާއަކީ ރަނގަޅު ކުއްޖެއްކަން........'' ހަމްޒާ ބުނެލިއެވެ. އޭނާގެ ބައްޕަ ދެއްކި ވާހަކައާ ގުޅުވާލަމުންނެވެ.

''ބައްޕަ ޤަބޫލު ކުރަން........ ނޫރާ އަކީ ރަނގަޅު ކުއްޖެއް......... އެކަމަކު........'' މުސްތަފާ ވާހަކަ ދެއްކުން މަޑުޖައްސާލިއެވެ.

''އެކަމަކު ކިހިނެތްވީ ބައްޕާ......... މަންމަ ނުޤަބޫލަސް ބައްޕަ ޤަބޫލިއްޔާ މަންމަވެސް އެއްބަސްވާނެ ......... ހަމަ ޔަގީން........'' ހަމްޒާ ވާހަކަދެއްކީ އަވަސްވެފައިވާ ހިތަކާއެކުގައެވެ. މިކަމުގައި އޭނާގެ ބައްޕަގެ އެހީތެރިކަން ލިބިދާނެ ކަމަށް ކުރެވުނު އުއްމީދާއެކު، ހަމްޒާއިނީ ބައްޕަ ދެކޭގޮތް ބެލުމަށް ކެތްމަދު ވެފައެވެ.

''ބައްޕަ ބުނަން ބޭނުންވަނީ ހަމަ ތެދަށް......ހަޤީގަތަށް.......... އެއްވެސް އޮޅުވާލުމެއްނެތި........ ބައްޕަ އަށް ފެންނަގޮތާ ބައްޕަ އެދޭގޮތާ......... މިކަމުގައި ބައްޕަ ބޭނުންވާގޮތް ވަރަށް ސާފުކޮށް..........'' މުސްތަފާއަށް އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނަން އުނދަގޫ ވެގެން އުޅޭހެން ހީވެއެވެ.

''ހަމްޒާއަށް ވެސް އެނގޭނެ ހަމްޒާ މަންމަގެ ގޮތް.......... މަންމަގެ މިޒާޖު......... އަދި މަންމަގެ ތަބީއަތާ މަންމަގެ ސިއްޙީހަލަތާ މަންމަގެ ޢުމުރުވެސް........'' މުސްތަފާ ވާހަކަދެއްކުން މަޑުޖައްސާލަމުން ހަމްޒާގެ މޫނަށް ބަލާލިއެވެ.  ''ހަމްޒާގެ މަންމަ އަކީ ކަންތައްތަކާ އަވަހަށް ފިކުރު ބޮޑުވާ މީހެއް........ އަނެއްކޮޅުން ފިކުރު ބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްޙަތަށް ނުރައްކާވެދާނެ ހާލަތެއްގައި ހުރި މީހެއް.......... އެހެންގޮތަކަށް ބުނާނަމަ ހިތުގައި މައްސަލަތަކެއް ހުރި ހިތުގެބަލި މީހެއް........ މިކަން އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ، ހަމްޒާއަށް .......... އެހެންވެ ހަމްޒާގެ މަންމަގެ ކަންތައްތަކުގައި ބައްޕަވެސް އުޅޭ ގޮތާ، ކަންތައްތައް ކުރާގޮތް ދަރިފުޅަށް އެނގޭނެ........... މަންމަ އަށް އެ ހާލަތު ދިމާވިފަހުން، ބައްޕަވެސް  ބަލަނީ މަންމަ ބޭނުންވާ ގޮތަކަށް ގިނަ ކަންކަން ކުރެވޭތޯ......... '' މުސްތަފާ ފުން ނޭވައެއް ދޫކޮށްލިއެވެ.

ސަކީނާއަކީ ހިތުގައި މައްސަލަ ތަކެއް ހުރި މީހެއްކަން އެއާއިލާގެ އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެއެވެ. ވިސްނާ ފިކުރުކުރުމާ، ހާސްވެ ކަންބޮޑު ވުމަކީ، ސަކީނާގެ ފުރާނައަށް ހުރި ނުރައްކަލަކަށް ވާތީ ، މުސްތަފާވެސް އެއްވެސް ކަމެއްގައި ސަކީނާއާ ބާރަށް ވާހަކަދައްކާ، ދެބަސްވެ ނުހަދައެވެ. ޚިޔާލު ތަފާތުވެ ދެބަސްވާން ޖެހޭފަދަ ކަމެއް ދިމާވިޔަސް،  މުސްތަފާ ބަލަނީ މަޑުމައިތިރިކަމާއެކު ސަކީނާއަށް ވިސްނައިދީގެން، މައްސަލަ ހައްލު ކުރެވޭތޯއެވެ.

''މިހާރު ބައްޕަ މި ބުނަން އުޅޭއެއްޗެއް ދަރިފުޅަށް ވިސްނޭނެ ހެން ހީވަނީ........'' މުސްތަފާ ސޯފާއިން ތެދުވަމުން ބުނެލިއެވެ.

''މާނައަކީ ބައްޕަވެސް........'' ސޯފާއިން ތެދުވަމުން ހަމްޒާއަށް ބުނެވުނެވެ. ހާސްކަމާއެކުގައެވެ. އެނާ އިންތިހާއަށް ކަންބޮޑުވެއްޖެއެވެ. އަދި އެހާމެ ދެރަވެ މާޔޫސްވެއްޖެއެވެ. ހަމްޒާގެ ހިތަށް ނެނގޭ ބިރުވެރިކަމެއް ވެރިވެއްޖެއެވެ.

''އާނ...... ބައްޕަވެސް އެދެނީ ހަމްޒާ ތި ވިސްނުން ދޫކޮށްލަން.......... އެހެންނޫނީ ބަރުދާސްތު ކުރަން އުނދަގޫ އެތައްކަމެއް، މިއާއިލާއަށް ކުރިމަތިވާނެ ކަން ހަމްޒާއަށްވެސް ރަނގަޅަށް އެނގޭނެ. އަދި ދެން ވާނެ ގޮތާ،  ވެދާނެ ގޮތެއް، ހިތަށް ގެނައުމަކީވެސް އުނދަގޫކަމަކަށްވާނީ ..........'' މުސްތަފާ އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. ހަމަ ގަސްދުގައިހެން ހީވެއެވެ. ނޫނީ އޭނާގެ ދަރިފުޅުގެ މޫނުން، ނުތަނަވަސް ކަމާ މާޔޫސްކަން ފެނުމުން އޭނާއަށް އެމަންޒަރު ބަލަން ފަސޭހަ ނުވީ ކަމަށްވެސް ވެދާނެއެވެ.

''ހަމްޒާ........އަދި ވަގުތު އެބައޮތް....... ނޫރާއަށް ހަމްޒާގެ ހާލަތު ކިޔައިދީ.......... މިބުނީ މަންމަގެ ހާލަތު ވިސްނައިދިނުމަށްފަހު، ތިކަން ހުއްޓާލަން ބައްޕައަށް ފެންނަނީ.......އެންމެ ރަނގަޅުވާނީ އެގޮތް.......... މިއީ މަންމަވެސް އަދި ބައްޕަވެސް ބޭނުންވާގޮތް...........'' މުސްތަފާ ބުނި އެއްޗެއް ބުނުމަށްފަހު، ހަލުވި ފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ހިނގައިގަތެވެ. ސިޑިއާދިމާއަށެވެ. ހަމްޒާއަށް ވާނެ ގޮތަކާ، ކުރެވޭނެ އިޙްސާސަކަށް ބެލުމެއް ނެތި، އޭނާ ސިޑިން މައްޗަށް އަރައިގެން ހިނގައްޖެއެވެ.

ހަމްޒާ ހަމަ ހުރި ފިޔަވަޅުމަތީ ބުދެއްހެން ހުއްޓެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތްފަދައެވެ. އޭނާގެ ސިކުނޑީގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވީ، އެހެންވެދާނެކަމަށް ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ކުއްލިއަކަށް ބަދަލުގެންދިޔަ ހާލަތު، ހަމްޒައަށް ޤަބޫލު ކުރަންވެސް ދައްޗެވެ. ހަމްޒާ ހީކޮށްގެން ހުރީ މަންމަ އޭނާދެކެ ވާ ލޯބީގެ ސަބަބުން ،ހަމްޒާއާ ނޫރާގެ ގުޅުމަށް ދެކޮޅު ނުހަދާނެ ކަމަށެވެ. ކުޑަކޮށް ހިތްހަމަ ނުޖެހުނަސް ހަމަޖައްސާލެވޭނެ ކަމަށް އޭނާއަށް ކުރެވުނު ހީ މިވީ ކުށް ހީ އަކަށެވެ.

ދެއަތުން ބޮލުގައި ހިފަހައްޓާލުމަށްފަހު ، ހަމްޒާ ސިޑިން މައްޗައް އަރަން ހިނގައިގަތެވެ.  އޭނާގެ ބޮލުގައި ގަދައަށް ރިއްސަނީއެވެ. ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ހަލަބޮލި ވެފައިވާ އޭނާގެ ސިނުނޑިއަށް ލިބިފައިވާ ނުތަވަސްކަމާ ބުރަކަމެއްގެ ސަބަބުން ލޯމަރާލެވުނެވެ.

ލޯމަރައިގެން އޮތްއިރު، ހަމްޒާގެ ކަންފަތުގައި ގުގުމަމުންދިޔައީ ދާދި ދެންމެ އެނާގެ ބައްޕަ ދެއްކި ވާހަކަތަކެވެ. ނޫރާއާ އޮތް ގުޅުން ކަނޑާލަން ބައްޕަ ބުނި ބުނުން ތަކުރާރުކޮށް އޭނާއަށް އިވެމުން ދިޔައެވެ. ބިރުވެރި އަޑަކަށް އެއަޑު ބަދަލުވަމުންދާ ކަމުގައި އެނާއަށް އިހްސާސް ކުރެވުމާއެކު، ހަމްޒާ ދެލޯ ހުޅުވާލިއެވެ. މުޅި ކޮޓަރިތެރެ އެނބުރޭހެ އޭނާއަށް ހީވަނީއެވެ. ގައިން ހަކަތަ ހުސްވާހެން ހީވަނީއެވެ.

ހިތްވަރުކޮށަފައި ހަމްޒާ އެނދުން ތެދުވެއްޖެއެވެ.  ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ފަށައިފިއެވެ. ދެން ކުރަންވީ ކަމަކާ ނުކުރަންވީ ކޮންކަމެއް ކަމެއް، އޭނާ އަކަށް ނުވިސްނުނެވެ. ހަދާނެ ގޮތް ހުސްވެއްޖެއެވެ.

ހަމްޒާ ނޫރާއާ ވަކިވާން ބޭނުންވާ ވާހަކަ އޭނާ ނޫރާގާތު ބުނާނީ ކޮން ދުލަކުންހެއްޔެވެ. ނޫރާއަކީ ހަމްޒާގެ ފުރާއަށްވުރެ ލޯބިވާ އޭނާގެ އުންމީދުތަކާ ގުޅިފައިވާ ހިތުގެ މަލިކާއެވެ. އެތައް ދުވަހަކުއްސުރެ ދެކެމުންއައި ހުވަފެންތައް ކުލަނުވަނީސް، އުންމީދުތައް އަނދާ ހުލިވާން ދޫކޮއްލަންވީހެއްޔެވެ. ކުރަމުން އައި ފޮނި އުއްމިދުތަކުގައި ކުލަ ޖެހެމުން ދަނިކޮށް އެ އުއްމީދުތައް ވަޔަށް ބުރައިގެންދާން އެދެވޭނީ ކޮން ފަދައަކުން ހެއްޔެވެ. ނޫރާގެ ލޯބި ހާސިލް ކުރުމަށްޓަކައި ހަމްޒާ ކެތްކުރި ކުރުމާ، އިންތިޒާރުގައި ހޭދަކުރި ދުވަސްތަކަށް ބަހާރުމޫސުން ގެނުވުމަށްފަހު، މާތަށް މިލާމޯޅިވެ ހަނަފަސްވާން ދޫކޮށްލަންވީހެއްޔެވެ. މިއީ ހަމްޒާއަށް ކޮން ގޮތަކުން ކުރެވޭނެ ކަމެއްހެއްޔެވެ.

ހަމްޒާ އޭނާގެ ޖީންސްގެ ޖީބުގައިވާ ފޯނު ނެގިއެވެ. އެނދުދައި އިށީނދެލުމަށްފަހު، އޭނާގެ ފޯނުގެ ސްކްރީންގައިވާ ނޫރާގެ ފޮޓޯއަށް ބަލާލިއެވެ. އެވަގުތު ނޫރާ ހިނިތުންވެލީހެން ހަމްޒާއަށް ހީވިއެވެ. ލޯބިން ގޮސް އޭނާ މޮޔަވާވަރުގެ ފަރި ހީލުމެކެވެ. ނޫރާ ހީލާ ކޮންމެ ފަހަރަކު ހަމްޒާގެ ހިތް އުފަލުން ނަށާލައެވެ. އެ ލަދުވެތި އަދާ ހަމްޒާއަށް ވަރަށް ކަމުދެއެވެ. ނޫރާގެ ލޮލުން ހަމްޒާއަށް ބަލާލާ ކޮންމެ ފަހަރަކު، އެ ހިތުގައި ނޫރާއަށް އޮތް ލޯބި އެތައް ގުނައަކަށް އިތުރުވެއެވެ. ކޮންމެ ބަލާލުމެއްވެސް އެހާ ހިތްގައިމެވެ. އަސަރުގަދައެވެ. އެ ހިނިތުންވުމާ ހަމްޒާ ވަކިވާންވީ ހެއްޔެވެ. އެއީ ހަމަ އެހާ ފަސެހަކަމެއްހެއްޔެވެ. ނޫނެކެވެ. ހަމްޒާ ދެއަތަށް ބޯހޫރާލިއެވެ.


ނުނިމޭ.... ވާހަކައިގެ އާ ބައެއް، 11 މާރިޗް، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް