ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރީކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިގެން ނޫންކަމުގައި ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ފަލާޙް ވިދާޅުވެފައިވަނީ ޕާލިމެންޓްރީ ސްޕްރަމަސީ އަކީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި އަމުދުން ދަމަހައްޓަން ޖެހޭ ކަމެއް ކަމަށާއި ފަނޑިޔާރުގޭގެ ޢަދަދު ކަނޑައަޅަން މަޖިލީހުން ޤާނޫނަށް އިޞްލާޙް ގެނައުމަކީ އެ މަޖިލީހަށް ޤާނޫނު އަސާސީ އާއި ޤާނޫނު ތަކުން ލިބިދޭ މުޠުލަޤު ބާރެއް ކަމަށެވެ.
"މިއީ ރައީސުލް ޖުމްހޫރިއްޔާ އަންގަވައިގެން މަޖިލީހުން ނިންމި ނިންމުމެއް ނޫން" ފަލާޙް ވިދާޅުވެފައިވެއެވެ.
އެ ޕޯސްޓްގައި ފަލާޙް ވިދާޅުވެފައިވަނީ ރައީސް މުޢިއްޒުގެ ސަރުކާރުން މަޖިލީހުގެ ފުރިހަމަ ޢައްލަބިއްޔަތު ލިބިފައި އޮތަސް ޝަރުޢީ ނިޒާމަށް އަތާއި ފަޔާއި ބާނައި، ފަނޑިޔާރުން ހައްޔަރުކޮށް، ސްޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނެގުންފަދަ ދިމިޤްރާތީ އުސޫލުތަކާއި، ރޫލް އޮފްލޯ އާއި ޚިލާފު ކަންކަން އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެ ކަމަށެވެ.
"ރައީސް މުޢިއްޒު އަކީ ޑިމޮކްރަސީ ގެ ރޫލް އޮފް ލޯ އަށް އިޚްތިރާމް ކުރައްވާ، އިންސާފުވެރިކަމާއި އަދި ޢަދުލުވެރި ކަމާ އެކު ވެރިކަން ކުރައްވާ ރައީސެއް، ފަނޑިޔާރުން ސިފައިންނެރެ ބަރުހަތިޔާރު ދައްކައިގެން ހައްޔަރުކޮށް، ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ފުރަގަހަށް ބޮޑިއަޅުވައި، ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ފަހަތުން ދުވަން ރައީސް މުޢީޒް ނޫޅުއްވާނެ، އެހެން އުޅުނު މީހުންނަށް ހީވާނީ ހަސަނަށް ހީވި ހެން، މިހާރު ވެގެން އެ އުޅެނީ އެހެން" ފަލާޙް ވިދާޅުވެފައިވެއެވެ.
ފަލާޙް މިހެން ވިދާޅުވެފައިވާއިރު ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙެއް ގެނެސް ފަނޑިޔާރުންގެ ޢަދަދު މަދުކޮށްފައިވަނީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނަށް ގެނައި އިޞްލާޙުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމި ދަނޑިވަޅުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް