އެމެރިކާއިން ސީދާ ހަމާސް އާ މަޝްވަރާ ކުރަނީ – މިއީ 1997 އިން ފެށިގެން ހަމާސް އާ އެމެރިކާ މަޝްވަރާކުރާ ފުރަތަމަ ފަހަރު

ޣައްޒާ މަސްރަޙާއި ގުޅޭގޮތުން އެމެރިކާއިން ސީދާ ހަމާސް ޖަމާޢަތާއި މަޝްވަރާ ފަށާފައިވާކަން އެމެރިކާއިން ކަށަވަރުކޮށްދީފިއެވެ. އެމެރިކާއިން ޣައްޒާ ސީދާ މަޝްވަރާތައް ފެށި ވާހަކަ އިއްޔެ އެމެރިކާގެ މީޑިއާތަ...

05 Mar 2025 | 22:07

ޣައްޒާ މަސްރަޙާއި ގުޅޭގޮތުން އެމެރިކާއިން ސީދާ ހަމާސް ޖަމާޢަތާއި މަޝްވަރާ ފަށާފައިވާކަން އެމެރިކާއިން ކަށަވަރުކޮށްދީފިއެވެ.

އެމެރިކާއިން ޣައްޒާ ސީދާ މަޝްވަރާތައް ފެށި ވާހަކަ އިއްޔެ އެމެރިކާގެ މީޑިއާތަކުން ގެނެސްދީފައިވާއިރު މިއަދު އެމެރިކާއިން މިވަނީ ރަސްމީ ސިފައެއްގައި އެކަމަށް އެއްބަސްވެފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލީން ލީވިޓް، މީޑީއާތަކަށް މިއަދު ބުނެފައިވަނީ ސީދާ ހަމާސްއާއި މަޝްވަރާކުރަން ފަށާފައިވަނީ އަސީރުން މިނިވަން ކުރުމުގެ މަގުސަދުގައި ކަމަށާއި އަސީރުންގެ ތެރޭގައި އެމެރިކާގެ ރައްޔިތުންވެސް ހިމެނޭ ކަމަށެވެ.

މިއީ 1997 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ސީދާ ހަމާސް އާއި މަޝްވަރާ ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. 1997 ގައި އެމެރިކާއިން ވަނީ ހަމާސް ޖަމާޢަތަކީ ނިރުބަވެރި ޖަމާޢަތެއްކަމުގައި ކަނޑައަޅާ ހަމާސް އާއި ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށް ބުނެފައެވެ.

އެމެރިކާއިން ހަމާސް އާއި ސީދާ މަޝްވަރާތައް ފަށާފައިވާއިރު އިސްރާއީލު ހަމާސްގެ ހަމަލަ ބަދަލުވުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު އޮތީ ވާނުވާގައެވެ.

ޤަތަރު މެދުވެރިވެ ހަމާސް އާއި އިސްރާއީލުން އެއްބަސްވި އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމި ދެވަނަ މަރުޙަލާއަށް ދިއުމުގެ ކުރިއަށް އެމެރިކާއިން ވަނީ އާ އެއްބަސްވުމެއް އިސްރާއީލަށް ހުށަހަޅާފައެވެ. އަދި އިސްރާއީލުން ވަނީ އެ އެއްބަސްވުން ޤަބޫލުކޮށް އެ އެއްބަސްވުމަށް ހަމާސް އިން އެއްބަސްނުވާހާ ހިނދަކު މަޝްވަރާތައް ކުރިއަށް ނުގެންދާނެ ކަމަށް ބުނެފައެވެ.

ހަމައެއާއެކު އިސްރާއީލުން ވަނީ ޣައްޒާއަށް އިންސާނީ އެހީ އެތެރެވުން އެއްކޮށް ހުއްޓުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް