ރައީސް މުއިއްޒު ނާލާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުލަކަތޮޅު ނާލާފުށި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަ...

06 Mar 2024 | 06:45

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުލަކަތޮޅު ނާލާފުށި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ނާލާފުށީ ފެނަކަ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކޯޒްވޭގެ މަސައްކަތާއި ފެނާ ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށާއި، އާ ބަނދަރެއް އަވަހަށް ހަދައިދިނުމަށާއި، ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓިފައި ހުރިކަން ފާހަގަކުރައްވައި އެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ކުނި ކޮށްޓެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވިދާޅުވެދެއްވިއެވެ. ހަމަ އެއާއެކު، ކުޅިވަރުގެ ދާއިރާ އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާ ކަންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މ. ނާލާފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ މަސައްކަތް ކުރާނެ މާހައުލެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ އާ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުންވެސް 5000 ރުފިޔާއަށް ވުރެ މަދުނުވާވަރުގެ އެލަވެންސެއް ހަމަޖައްސަވާދެއްވުމަށް އ.ތ.މ ކޮމިޓީން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާގެ އާއިމާރާތްތައް އެޅުމަށް މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހަމަޖެހިގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް