ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުރިހާ ކިއުއާރު ޕޭމަންޓްތަކަށްވެސް ވަން ޓައިމް ޕާސްވޯޑްސް (އޯޓީޕީސް) ބޭނުންކުރަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެޕް އަޕްޑޭޓް ކުރުމާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް އިން ކަސްޓަމަރުންކުރާ ކޮންމެ އަދަދެއްގެ 'ސްކޭން ޓު ޕޭ' ޓްރާންސެކްޝަންތަކަށް އޯތެންޓިކޭޓަރ، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭ އޯޓީޕީ ޖަހަންޖެހޭ ގޮތަށް މިވަނީ ބަދަލު ގެނެސްފައެވެ. އާންމުކޮށް ހިނގަމުން އަންނަ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރި ކުރުމަށް ބޭންކުން އަންނަނީ ގިނަގުނަ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.
މިގޮތުން 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި، ބޭންކުގެ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ އޯޓީޕީ އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިއީ އީމެއިލް ކޮންޕްރަމައިޒްވެފައިވާ ހާލަތްތަކުގައިވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
އެ ބޭންކުން ބުނީ ސެކިއުރިޓީ ފީޗާސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް މި މާރިޗު މަސް ނިމުމުގެ ކުރިން ތައާރަފްކުރާނެ ކަމަށެވެ. ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ކަސްޓަމަރުން ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެދިފައިވެ އެވެ.
ކަސްޓަމަރުންނަށް ސަމާލުވުމަށް އެދޭ ކަންކަމަކީ:
1. ބީއެމްއެލް އިން ވެބްސައިޓް ލިންކް ހިމެނޭހެން އެސްއެމްއެސް އެއް ނުކުރާނެއެވެ. އެސްއެމްއެސް އައުމުން އެއީ ބީއެމްއެލް އިން ފޮނުވި އެސްއެމްއެސް އެއް ކަމުގައި ހީވިނަމަވެސް އެއްވެސް ލިންކަކަށް ނުފިތާށެވެ. އަދި އެއްވެސް މައުލޫމާތެއް ހިއްސާނުކުރާށެވެ. ބީއެމްއެލް ނުވަތަ އިތުބާރު ކުރެވޭ އެހެނިހެން ފަރާތްތަކުގެ ނަން 'ސްޕޫފް' ކޮށް ( ބީއެމްއެލް ނުވަތަ އެހެން އިދާރާއެއްގެ ނަން އޮންނަ ގޮތަށް ބޭނުންކުރުން) އެސްއެމްއެސް އަދި ފޯނު ކޯލުކުރެވޭކަން ހަނދާނުގައި ބަހައްޓާށެވެ.
2. އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް އަންނަ ޝައްކުކުރެވޭ މެސެޖް، ޕޮޕް އަޕް ވިންޑޯސް، ލިންކް އަދި އެޓޭޗްމަންޓް ނުހުޅުވާށެވެ.
3. ވަން ޓައިމް ޕާސްވޯޑް ނުވަތަ އޯޓީޕީ އަކީ ސެކިއުރިޓީ އަށް ބޭނުންކުރާ ވަސީލަތަކަށް ވީހިނދު، ސައްހަ މުއާމަލާތެއްކަމަށް ހީވި ނަމަވެސް އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރާށެވެ.
4. ބޭންކިންގ ޕާސްވޯޑް އަދި އީމެއިލް ޕާސްވޯޑް ދޭތެރެދޭ ތެރެއިން ބަދަލުކުރާށެވެ. ޕާސްވޯޑް ބަދަލުކުރާއިރު އެހެންފަރާތްތަކަށް ހިޔާރުކުރަން އުނދަގޫ ޕާސްވޯޑެއް ބޭނުންކުރާށެވެ.
5. ބްރައުޒަރ ގައި އީމެއިލް އަދި ބޭންކިންގ ޕާސްވޯޑް ސޭވް ނުކުރާށެވެ. އީމެއިލް އެކައުންޓް ކޮންޕްރޮމައިޒް ވެއްޖެނަމަ، ސޭވްކޮށްފައިވާ ޔޫސަރނޭމް އަދި ޕާސްވޯޑްތައް ސްކޭމް ހިންގާ ފަރާތްތަކަށް ފަސޭހައިން އެކްސެސްވެވޭނެއެވެ.
6. ވެބްސައިޓް ލިންކް ރަނގަޅަށް ޗެކް ކުރާށެވެ. އިންޓަރނެޓް ބޭންކިންގ ފަދަ ސެކުއަރ ސައިޓްތަކުގައި އެޑްރެސް ހިމެނޭތަނުގައި 'ލޮކް' (ތަޅެއް) ނިޝާނެއް ފެންނާނެއެވެ. އެއްވެސް ލިންކެއް މެދުވެރުކޮށް އިންޓަރނެޓް ބޭންކިންގ އަށް ނުވަންނާށެވެ. ސްކޭމް ކުރާ ފަރާތްތަކުން ޔޫސަރނޭމް އަދި ޕާސްވޯޑް ހޯދުމަށް އިންޓަރނެޓް ބޭންކިންގ އާއި ވައްތަރު ވެބް ޕޭޖް ހަދައިގެން މި މައުލޫމާތުތައް ހޯދައެވެ.
7. ބޭންކުން ފޮނުވާ ނޯޓިފިކޭޝަން އަބަދުވެސް ބަލާށެވެ. ބީއެމްއެލް އިން ރަޖިސްޓްރީކޮށްފައިވާ އީމެއިލް އަށް، ލޮގިންވާ ކޮންމެ ފަހަރަކު އިންޓަރނެޓް ބޭންކިން ލޮގިން ނޮޓިފިކޭޝަން ފޮނުވާނެއެވެ. އަމިއްލައަށް ލޮގިންނުވާ ނޯޓިފިކޭޝަންއެއް އައިސްފިކަމުގައިވާނަމަ ނުވަތަ ލޮގިން އާ ބެހޭ މައުލޫމާތު އެހެން ފަރާތަކަށް ލިބިފައިވާ ކަމަށް ޝައްކު ކުރެވޭނަމަ، ވީހާވެސް އަވަހަކަށް ޕާސްވޯޑް ބަދަލުކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް