ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހުނު ތުރުކީ އަދި ސީރިއާގެ ރައްޔިތުންނަށް ރޮނާލްޑޯގެ ދީލަތި އެހީތެރިކަމެއް !

ނިމިގެން ދިޔަ ފެބުރުއަރީ މަހުގެ ހަވަނަ ދުވަހު ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާބޯތަކެއްޗާއި އަންނ...

06 Mar 2023 | 12:53

ނިމިގެން ދިޔަ ފެބުރުއަރީ މަހުގެ ހަވަނަ ދުވަހު ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާބޯތަކެއްޗާއި އަންނައުނު އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހަދިޔާ ކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސީރިއާއާއި ތުރުކީ އަށް ރޮނާލްޑޯ އެހީގެ ސާމާނު ބަރުކޮށް މަތިންދާ ބޯޓެއް ފޮނުވާފައިވާއިރު، އޭގައި ގިނަ ވައްތަރުގެ ތަފާތު ސާމާނު އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ތުއްތު ކުދިންނަށް ބޭނުންވާނެ ތަފާތު ވައްތަރުގެ ކާނާ އާއި ބޮޑެތި މީހުންގެ ކާނާ، ކިރުގެ އެކި ބާވަތްތަކާއި ބާލީހާއި ބެޑްޝީޓު، އަދި މެޑިކަލް ޕެކޭޖްތައް ހިމެނެއެވެ. އަދި މީގެ އިތުރުން ގިނަ އަދަދެއްގެ ޓެންޓުތަކާއި ނިދާ އެނދުވެސް ހިމެނޭކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ތުރުކީއާއި ސީރިއާއަށް ރޮނާލްޑޯ ފޮނުވި އެހީގެ ބޯޓުގައި 350،000 އެމެރިކާ ޑޮލަރުގެ ސާމާނު ހިމެނެއެވެ.

މީގެ ކުރިންވެސް ރޮނާލްޑޯ ވަނީ ތުރުކީއާއި ސީރިއާއަށް މި ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އަށް މިލިއަން ޑޮލަރުގެ ފައިސާގެ އެހީއެއް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރުވެ އެތަކެއް އާއިލާތަކެއް ހާލުގައި ޖެހުނެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާގައި ތުރުކީން 38،044 މީހުން މަރުވިއިރު، ސީރިއާއިން ވަނީ 4،400 މީހުން މަރުވެފައެވެ. އަދި 4.1 މިލިއަން މީހުނަށް މި ކާރިސާއާއި ގުޅިގެން އިންސާނީ އެހީތެރިންކަން ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް