ތިލަފުށީ ކުޑަގިރިއަށް އެރި ބޯޓެއް ތިން މިލިއަނުން ޖޫރިމަނާ ކޮށްފި

ކ.ތިލަފުށީ ކުޑަގިރިއަށް އެރި ބޯޓެއް 3،098،710 އިން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޖޫރިމަނާ ކޮށްފި އެވެ. މިކަން ހާމަކޮށް އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޭ...

06 Mar 2023 | 11:20

ކ.ތިލަފުށީ ކުޑަގިރިއަށް އެރި ބޯޓެއް 3،098،710 އިން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ޖޫރިމަނާ ކޮށްފި އެވެ.

މިކަން ހާމަކޮށް އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޭއެމް އެމްއެސްވީ މަރީއާ ސިންތަޔާތިރައި ރިޔާނާ ނަމަކަށް ކިޔާ ބޯޓެއް ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ކުޑަގިރިއަށް އަރާފައިވާ ކަމަށެވެ.

އެ ބޯޓު ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ބޯޓުގެ ވެރި ފަރާތުން ސާވޭކޮށް ސާވޭ ރިޕޯޓް އީޕީއޭއަށް ހިއްސާކޮށްފައިވާ ކަމަށް އީޕީއޭ އިން ބުނެފައި ވެއެވެ.

އަދި އީޕީއޭގެ ސާވޭޔަރުން އެ ސަރަހައްދަށް ގޮސް ސާވޭ ކޮށްފައިވާނެ ކަމަށް ވެސް އީޕީއޭ އިން ބުނެފައި ވެއެވެ.

މިގޮތުން އީޕީއޭއިން ބުނީ ބޯޓުގެ ވެރިފަރާތުން ހިއްސާކޮށްފައިވާ ސާވޭ ރިޕޯޓުންނާއި އެ އޭޖެންސީން ކޮށްފައިވާ ސާވޭ ރިޕޯޓުން ހާމަވާ ގޮތުގައި ބޯޓު ކުޑަގިރިއަށް އެރުމާއި ގުޅިގެން ކުޑަގިރި ފަރުގެ 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެ ބޯޓު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން 3،098،710 ރުފިޔާއިން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭ އިން ބުނެފައި ވެއެވެ.

މީގެ އިތުރުން އީޕީއޭ އިން ބުނީ 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ އީޕީއޭ އަށް ދެއްކުމަށް އެ ފަރާތަށް 28 ފެބްރުއަރީ 2023 ގައި ވަނީ އަންގާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް