ޔާމީންގެ އިސްތިއުނާފު ބަލައިގަތުން ލަސްވާތީ އިދިކޮޅުން ހައިކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު ބަލައިގަތުން ލަސްވާތީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ހައި ކޯޓަށް ވަޑައިގެންފި އެވެ. ވ. އާރަށް ކުށްޔަށް ދިނުމުގައި މަނީ ލޯންޑާކޮށް...

06 Mar 2023 | 09:20

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު ބަލައިގަތުން ލަސްވާތީ އިދިކޮޅު ކޯލިޝަންގެ އިސްވެރިން ހައި ކޯޓަށް ވަޑައިގެންފި އެވެ.

ވ. އާރަށް ކުށްޔަށް ދިނުމުގައި މަނީ ލޯންޑާކޮށް، ރިޝްވަތު ހިފިކަމުގެ ދައުވަ ސާބިތުވެ އެމަނިކުފާނަށް ކްރިމިނަލް ކޯޓުން ވަނީ11 އަހަރުގެ ަލު ހުކުމެއް އިއްވާފައި އެވެ. މި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރެއްވީ މިދިޔަ މަހު އެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ އިސް ވެރިން ހައި ކޯޓަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހައި ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރަން މަސައްކަތް ކުރިޔަސް، އެ ފުރުސަތު ނުލިބުނު ކަމަށެވެ. އެކަމަކު އެ މައްސަލަ ބަލައިގަންނަންދެން މިއަދުން ފެށީގެން ކޮންމެ ދުވަހަކު އެ ކޯލިޝަންގެ އިސްވެރިން ހައި ކޯޓަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީނަކީ އިދިކޮޅު ލީޑަރުގެ އިތުރުން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކަމަށްވާތީ ހާއްސަ އިސްކަމެއް ދީގެން އެ މަނިކުފާނުގެ މައްސަލަ އަވަހަށް ނިންމަން ޖެހޭނެ ކަމަށެވެ.

ހައި ކޯޓުގެ އިތުރުން އިދިކޮޅުން މިއަދު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށްވެސް ވަޑައިގެންފައި އެވެ. ޖޭއެސްސީއަށް ގޮސް، ބައްދަލު ކުރެއްވީ އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލާއި އެވެ.

އެ ބައްދަލުކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ އިސްތިއުނާފް ލަސްވުމުގެ އިތުރުން ޔާމީނަށް ހުކުމްކުރި ފަނޑިޔާރު އަހުމަދު ޝަކީލަށް ހައި ކޯޓަށް އައްޔަންކުރަން ނިންމުމާ މެދު ކަންބޮޑުވުން ހިއްސާކުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް