ކޯވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރު ގަންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއަށް ދޫކުރި ފައިސާ އާބިޓްރޭޝަން މަރުހަލާ ނިމުމުން ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވެ. ވެންޓިލޭޓަރު މައްސަލައިގަ ސުވާލު ކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
ވެންޓިލޭޓަރު ގަންނަން އެ ކުންފުންޏަށް ދިވެހި ސަރުކާރުން31 މިލިއަން ރުފިޔާ ދޫކުރި އެވެ.
މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ ދުބާއީގެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން މިހާރު ވަނީ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައި ކަމަށެވެ. އުއްމީދަކީ އާބިޓްރޭޝަނުން ސަރުކާރާ އެއްކޮޅަށް ނިމި އެ ކުންފުނީގެ އަތުން ފައިސާ އަނބުރާ ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ވެންޓިލޭޓަރު ގަތުމުގައި މާލިއްޔަތު ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގާފައިވޭތޯ ތަހުގީގީ އިދާރާތަކުން ބަލާފައިވާ އިރު ފިނޭންސް މިނިސްޓްރީގެ ގޯހެއް ފެންނަން ނެތް ކަމަށެވެ.
ކޯވިޑުގެ ފަރުވާއަށް 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރީ ކުންފުންޏާ ބެހޭ ތަފްސީލެއް ނުހޯދައިކަން ފަޅާ އެރީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކުންނެނެވެ.
ވެންޓިލޭޓަރުތައް ނުލިބި މައްސަލަ ބޮޑުވުމުން، ތަހުގީގަށް އޮޑިޓް އޮފީހާއި އޭސީސީން އޭރު ހޯދި މައުލޫމާތުން ކަށަވަރުވީ ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ވިއްކުމުގެ ގާބިލް ކަމެއް އެގްޒެކިއުޓާސް ކުންފުނީގައި ނެތް ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް