އަމީނީ މަގުގައި ތާރު އެޅި ސަރަހައްދު އާންމުކޮށް ހުޅުވާލައިފި އެވެ.
އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ ރޯޑް ޑިވެލޮޕްމެންޓްް ކޯޕަރޭޝަން (އާރުޑީސީ) އާއި އެވެ. އެކަމަކު ތާރު އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އެ ކުންފުނިން ހަވާލުކޮށްގެން އެމްޓީސީސީންނެވެ.
އާރުޑީސީން ރޭ ބުނީ އަމީނީމަގުގެ ސެގްމަންޓް 1،2،3 ގައި ތާރު އަޅާފައިވާ ސަރަހައްދު މިހާރުވަނީ އާއްމުންނަށް ހުޅުވާލެވިފައި ކަމަށެވެ. އެއީ އަމީނީ މަގުން ބްރިޖު ފެށޭ ހިސާބުން ސްޓެލްކޯގެ އިމާރާތާ ހަމައަށެވެ.
މި ސަރަހައްދު އާންމުކޮށް ހުޅުވާލިނަމަވެސް ފިނިޝިންގ ގެ ބައެއް މަސައްކަތްތައް ކުރިއަށްދާނެތީ ސްޓޯމް ވޯޓަރ ސިސްޓަމް ޤާއިމު ކުރުމަށް މޫނިމާ ހިނގުން ވަނީ ބަންދު ކުރެވިފައި ކަމަށް މައުލޫމާތުދެ އެވެ.
މަސައްކަތް ކުރަނީ ކުރިއަށް އޮތް ރޯދަމަސް ފެށުމުގެ ކުރިން އިމާދުއްދީން ސްކޫލާ ހަމައަށް ތާރު އެޅުމަށެވެ.
އެމްޓީސީސީން ތާރު އެޅުމުގެ މަސައްކަތް ހަވާލު ކުރީ އާރުޑީސީން އެކަމަށް ރާއްޖެ ގެނައި އާލާތްތައް މާލޭގައި ބެހެއްޓޭނެ ޖާގަ ހަމަ ނުޖެހި ލަސްވާތީ އެވެ. އެ ޖާގަ ހަމަޖެހުމުން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރާނީ އާރުޑީސީން ކަމަށް ބުންޏެވެ.
މިއީ 84 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މަސައްކަތް އެއްކޮށް ނިންމަން ޖެހެނީ 210 ދުވަހުގެ ތެރޭގައި އެވެ.
މަޝްރޫއު ނިމޭއިރު މުޅި އަމީނީ މަގުގެ 1.7 ކިލޯ މީޓަރުގައި ތާރުއަޅާނެއެވެ. އަދި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.
13 ސެގްމެންޓަކަށް ބަހާލައިގެން ކުރަމުންދާ އަމީނީ މަަގުގެ މަސައްކަތް މިހާރު ނިމޭނެ ކަމަށް ބުނަނީ މިއަހަރުގެ ސެޕްޓެމްބަރު މަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް