ގއ. ވިލިނގިލިން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވި، އާގަލާ ބޯޓު މިހާރު އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އަލިފާން ރޯވެ، ލިބުނު ގެއްލުމުގެ ސަބަބުން ބޯޓު މިއަދު ހެނދުނު 08:20 ހާއިރު އަޑިއަށް ގޮސްފައިވާކަމަށެވެ.
އެމްއެންޑީއެފުން ރޭގައި ބުނެފައިވާގޮތުގައި ކަނޑުމަތީ އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ އެ ބޯޓު މ. ތުވަރު ކައިރިން މާލެއަށް ދަތުރުކުރަމުންދަނިކޮށެވެ.
ބޯޓުގައި އަލިފާން ރޯވުމުން ބޯޓުގައި ތިބި މީހުން މޫދަށް ފުންމާލި ކަމަށާއި، 15 މީހަކު ހިމެނޭއިރު 14 މީހަކު ކަނޑުން ސަލާމަތްކޮށް މ. މުލީ ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި 15 ވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.
ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ އިންޑިއާއަށް ނިސްބަތްވާ ފަސް މީހަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ފަސް މީހެއްގެ އިތުރުން ފަސް ދިވެހިންނެވެ. ގެއްލި ނުފެނިވަނީ އިންޑިއާއަށް ނިސްބަތްވާ ރައްޔިތެކެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ބޯޓަކީ އައްޑޫ ސިޓީއިން މާލެއަށް ދަތުރުފެށި ބޯޓެކެވެ. ދަތުރުގައި ގއ. ވިލިނގިއްޔަށް މަޑުކުރިއެވެ. އަދި ވިލިނގިލިން އެ ބޯޓު ފުރީ އިއްޔެގެ ވަގުތެއްގައެވެ.
ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ސަލާމަތީ ހިދުމަތްތަކުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް