މާލެ ދަތުރުކުރާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ ފަޅުވެރިން ކަނޑުވެ ފަޅުވެރިއަކު ގެއްލިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މ. ތުވަރު ކައިރިން މާލެއަށް ދަތުރުކުރަމުންދިޔަ “އާގަލާ” ބޯޓުގައެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ހާދިސާގެ ރިޕޯޓް ކޯސްޓްގާޑަށް ލިބުނީ ރޭ މެންދަމު 2:47 ހާއިރުގައެވެ.
“މި ހާދިސާ ހިނގާފައިވަނީ އެ ބޯޓު މ.ތުވަރުން 0.96 ނޯޓިކަލް މޭލު ބޭރުގައި އޮއްވާ، މި ބޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވުމުގެ ސަބަބުން އެ ބޯޓުން ދަތުރުކުރި 15 ފަޅުވެރިން (5 ދިވެހިންނާއި، އިންޑިއާ 5 މީހުންނާއި އަދި ބަންގްލަދޭޝް 5 މީހުން) ކަނޑަށް ފުންމާލުމުގެ ސަބަބުން ކަނޑުވެފަ ތިއްބައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ އެމީހުންގެ ތެރެއިން ފެންނަންތިބި 14 މީހުން ސަލާމަތްކޮށްފައި” އެމްއެންޑީއެފުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ފަޅުވެރިންގެ ތެރެއިން އިންޑިއާ މީހަކު ފެނިފައިނުވާތީ، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ދަނީ އެ ސަރަހައްދުގައި ކުރަމުން ކަމަށެވެ.
ކަނޑުމަތިން ސަލާމަތްކުރެވުނު 14 މީހުން ފުލުހުންގެ އެހީތެރިކަމާއެކު މ. މުލީ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ބޯޓު ވަރަށް ބޮޑަށް އަނދާފައިވާކަމަށްވެސް ބުނެފައިވެއެވެ.
https://twitter.com/dhuvasmv/status/1632580566087356420
މައުލޫމާތު ލިބިފައިވާގޮތުގައި އެ ބޯޓަކީ އައްޑޫ ސިޓީއިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓެކެވެ. މި ދަތުރުގައި އެ ބޯޓު ގއ. ވިލިގިލީގައި މަޑުކުރިކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް