ހުޅުމާލޭގައި ޕާކިން އިމާރާތެއް އަޅަން ދަމާސް ކުންފުންޏާއި ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު އެވެ.. ދަމާސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސޯލިހު އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ މި އިމާރާތަކީ މަގުމަތީގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގެ އަދަދު މަދުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހެދި އެއްބަސްވުމެއް ކަމަށެވެ. މި ޕާކިން އިމާރާތުގައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރާތްކުރާ މީހުންގެ އުޅަނދުތައް ޕާކް ކުރެވޭނެ ކަމަށް މައުލޫމާތުދެ އެވެ.
ޕާކިން އިމާރާތް އަޅަނީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ އޯޝަން ފްރަންޓުގެ ފަހަތުގަ އެވެ. އެ ޕާކިން އިމާރާތުގައި ސައިކަލާއި ކާރު ވެސް ޕާކުކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ޕާކިން ސިސްޓަމްތަކެއް ހެދި އެކެވެ. އެކަމަކު އެތަންތަން މިހާތަނަށްވެސް ބޭނުން ކުރަން ފަށާފައި ނުވާތީ އެތަންތަން ހުރީ ހަލާކުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް