އެމެރިކާގެ ދެ ކުންފުނި ކަމަށްވާ ވީސާ އާއި މާސްޓާ ކާޑްގެ ހިދުމަތްތައް ރަޝިޔާގައި ނުލިބޭ ގޮތް އެ ދެ ކުންފުނިން ހަދައިފި އެވެ.
އެ ދެ ކުންފުނިން ބުނިގޮތުގައި ވިސާ ކާޑާއި މާސްޓާ ކާޑު މެދުވެރިކޮށް، ރަޝިޔާގައި މުއާމަލާތުތައް ނުކުރެވޭ ގޮތް ހެދީ، ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިންނެވެ.
ވީސާ ކުންފުނިން ބުނީ، ރަޝިޔާގެ އެއްވެސް ބޭންކަކުން ހަދައިދީފައިވާ ވީސާ ކާޑަކުން ކޮށްފައިވާ ފައިސާގެ އެއްވެސް މުއާމަލާތެއް، އެ ގައުމުން ބޭރުގައި ދެން ކުރިއަކަށް ނުދާނެ އެވެ. އަދި އެހެން ގައުމަކުން ދޫކޮށްފައިވާ ވީސާ ކާޑެއް، ރަޝިޔާގެ އެތެރޭގައި ވެސް ބޭނުން ނުކުރެވޭނެ ކަމަށް، އެ ކުންފުނިން ބުންޏެވެ.
މާސްޓާ ކާޑް ކުންފުނިން ބުނެފައި ވަނީ ރަޝިޔާގެ އެއްވެސް ބޭންކަކުން ހަދައިދީފައިވާ އެއްވެސް މާސްޓާ ކާޑެއް، އެ ކުންފުނީގެ ވިއުގައިގެ ތެރޭގައި މީގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެހެން ގައުމެއްގެ ބޭންކަކުން ހަދާފައިވާ މާސްޓާ ކާޑެއް ވެސް، ރަޝިޔާގެ އެއްވެސް އޭޓީއެމްއެއްގައި ވެސް އަދި ވިޔަފާރިކުރާ ތަނެއްގައި ވެސް ބޭނުން ނުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ބޭންކުން ބުނީ، ރަޝިޔާގެ އެތެރޭގައި ފައިސާގެ ހުރިހާ މުއާމަލާތެއް ހިންގަނީ، ބޭރުގެ އެއްވެސް ގައުމަކާ ގުޅުމެއް ނެތް، ރަޝިޔާގެ އަމިއްލަ ވިއުގައެއްގެ ތެރެއިން ކަމަށް ވާތީ، ރަޝިޔާގެ އެތެރޭގައި ވިސާ ކާޑާއި މާސްޓާ ކާޑް ބޭނުންކުރުމުގައި އެއްވެސް ދައްޗެއް ކުރިމައްޗެއް ނުވާނެ އެވެ.
އެމެރިކާގެ މި ފިޔަވަޅުތަކާ ގުޅިގެން ރަޝިޔާގެ މަރުކަޒީ ބޭނުންކުން އިއްޔެ ވަނީ، އެ ގައުމުން ބޭރަށް ދަތުރުކުރާ އިރު ރަޝިއާގެ މީހުން ގެންގުޅޭ ވިސާ ކާޑާއި މާސްޓާ ކާޑަށް ބަރޯސާ ނުވެ، ނަގުދު ފައިސާ ގެންގުޅުމަށް އިރުޝާދު ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް