ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ހދ ހަނިމާދޫ ސްކޫލްގެ ލައިބްރަރީ ތަރައްގީކޮށްފި އެވެ.
މި މަޝްރޫއު ހިންގާފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުންނެވެ.
މި ޕްރޮޖެކްޓު ދަށުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތްހަރުގަނޑު ހިމަނައި، ސެން ކްލާސް ދަރިވަރުންނަށް ހާއްސަ ރީޑިންގ ކޯނާރ އެއް ގާއިމްކުރުމުގެ އިތުރުން ގޮނޑި، މޭޒު ފަދަ ފަރުނީޗަރު ވަނީ ހޯދައިދެވިފައެވެ. މީގެ އިތުރުން އާންމުންގެ ފަރާތުން ހަދިޔާ ކުރި ފޮތާއެކު ޖުމްލަ 700 އަށް ވުރެ ގިނަ ފޮތް ވަނީ ލައިބްރަރީއަށް އިތުރުކޮށްދެވިފައެވެ.
މި ފޮތްތަކުގެ ތެރެއިން 450 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގަނެވުނު ފޮތެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް، ހުސައިން ވަޙީދު ވިދާޅުވީ މި މަސައްކަތަކީ ލައިބްރަރީ ބޭނުންކުރާ ދަރިވަރުން އިތުރުވަމުން ދިޔުމާއެކު އެ ކުދިންނަށް އެކަށޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ މަގްސަދުގައި ކުރި މަސައްކަތެއް ކަމަށެވެ. އައު ފޮތްތަކާއި އިތުރު ގޮނޑި މޭޒުގެ އިތުރުން ސެން ކްލާސް ކުދިންނަށް ހާއްސަ ކޯނަރ އެއް ހިމަނައި ލައިބްރަރީ އަށް މި ގެނެވުނު ބަދަލާއެކު ފޮތްކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް ގާއިމްވެފައިވާ ކަމަށް ހުސައިން ވިދާޅުވި އެވެ.
ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރެވުނު ފަންޑެކެވެ. މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
މިހާރު ބޭންކުން ދަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް