ޓެކްސީ ދަތުރުތަކަށް ސެންޓަރުތަކުން ބޭނުން އަގެއް ނުނެގޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.
ޓެކްސީ އަގަކީ ތެލުގެ އަގަށް ބަލައި ސަރުކާރާއި ޓެކްސީ ޑްރައިވަރުންނާއި ދެމެދު މަޝްވަރާ ކުރުމަށް ފަހު ސަރުކާރުން ކަނޑައަޅާ އަގެކެވެ. މިހާރު ކަނޑައަޅާފައިވާ އަގުތަށް ކުޑަވެގެން މީގެ ކުރިންވެސް ސެންޓަރުތަކުން ޝަކުވާކޮށް އަގުބޮޑު ކުރަން މަސައްކަތް ކޮށްފައިވެ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާރު ޝިމާޒް އަލީ މީޑިއާގައި ވިދާޅުވީ ދަތުރުތައް ކޮށްދޭ އަގުތައް ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ނިންމިޔަސް، އެކަން އެ ގޮތަށް ނުކުރެވޭނެ ކަމަށެވެ. މިނިސްޓްރީން ފާސްކޮށް، އިއުލާން ކޮށްފައިވާ އަގަށް ވުރެ ބޮޑު އަގު ދަތުރުތަކަށް ނަގާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގައިވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެކްސީ ސެންޓަރުތަކުން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދަތުރުތަކުގެ އަގު ބޮޑު ކުރާށެވެ. މިގޮތަށް ނިންމީ ހުޅުމާެލެ އާއި މާލޭ ސެންޓަރުތަކުން ބައްދަލުކޮށް މަޝްވަރާ ކުރުމަސް ފަހު އިއްތިފާގުން ކަމަށް ބުނެފައިވެ އެވެ.
ޓެކްސީ ދަތުރުތަކަށް ގެންނަން ނިންމާފައިވާ ބަދަލު:
މާލޭގެ އެތެރޭގެ ދަތުރެއް- 30 ރުފިޔާ
– ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ ދަތުރުތައް – 25 ރުފިޔާ
– މާލެއިން ހުޅުމާލެ އަށް – 100 ރުފިޔާ
– މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް – 80 ރުފިޔާ
– ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް – 120 ރުފިޔާ
– ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް – 40 ރުފިޔާ
– މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ
– ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް – 120 ރުފިޔާ
މީގެ އިތުރުން ރޭ ގަނޑު12:00 އާއި ހެނދުނު6:00 އާއި ދެމެދު ކުރާ ދަތުރުތަކަށް ފަސް ރުފިޔާ އިތުރު ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް