މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ އާއި ބާރު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ރާއްޖެ ގެންނާނެކަމަށް ޔޫތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ސަލްގާޑޯ އާއި ސާރާ ރާއްޖެ އަންނަން ހަމަޖެހިފައިވާކަން އިއުލާނުކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްކުރެއްވި ޓްވީޓެއްގައެވެ.
ރެއާލް މެޑްރިޑާއެކު ކްލަބް ފުޓްބޯޅައިގައި ގިން ކާމިޔާބީތަކެއް ހޯދި ސަލްގާޑޯ އަކީ ފީފާގެ އެމްބަސަޑަރެކެވެ. ސަލްގާޑޯ ކާމިޔާބިތަކުގެ ތެރޭގައި އޭނާ ވަނީ ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފައިވެއެވެ.
އޮލިމްޕިކްސް އާއި ވޯލްޑް ޗެމްޕިއަންޝިޕް އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ސާރާ އަކީ ފަސް އިވެންޓެއްގެ ދުނިޔޭގެ ރެކޯޑް ހޯދާފައިވާ ފެތުންތެރިއެކެވެ. ސާރާ ހާސިލްކޮށްފައިވާ ރެކޯޑްތަކަށް ބަލާއިރު، ލޯންގް ކޯސްގެ 50 މީޓަރާއި 100 މީޓަރުގެ ފްރީސްޓައިލާއި ބަޓަފްލައި އިވެންޓްތައް ހިމެނެއެވެ. އޭގެ އިތުރުން 4 ގުނަ 50 މީޓަރުގެ ޝޯޓް ކޯސް މެޑްލީ ރިލޭ އިވެންޓްގައި ވެސް ދުނިޔޭގެ ރެކޯޑް އޮތީ ވެސް ސާރާ އަތުގައެވެ.
މަމަހުގެ 17 ވަނަ ދުވަހު ބޭއްވާ ގައުމީ ސްޕޯޓްސް އެވީޑް ހަފްލާގައި ބައވެރިވުމަށް ބޭރު ގައުމުތަކުގެ މަޝްހޫރު ގިނަ ކުޅިވަރު ކުޅުންތެރިން އައުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މި އެވޯޑްގެ ހައިބަތު ބޮޑުކޮށް ދުނިޔޭގެ ސަމާލުކަން ލިބޭ އިވެންޓަކަށް ހެދުމާއި ދިވެހި ކުޅިވަރުގެ އަގުވަޒަންކުރުން އެންމެ ފުރިހަމަ އަށް ގެންދިއުމަށް ރާވާ އިވެންޓެއްކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް