‏އދ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ކާމިޔާބު ކަމާއެކު ނިންމާލައިފި

''އަމާންވެށި'' ޕްރޮގްރާމްގެ ދަށުން، އދ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ 82 ވަނަ ''ފުރާވަރު ކޭމްޕު'' ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ސްކޫލް ދަރިވަރުންގެ އަހުލާގާއި ސުލޫކު ހެޔޮ...

06 Mar 2022 | 05:36

''އަމާންވެށި'' ޕްރޮގްރާމްގެ ދަށުން، އދ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ 82 ވަނަ ''ފުރާވަރު ކޭމްޕު'' ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ ސްކޫލް ދަރިވަރުންގެ އަހުލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމަށް ބާރުއެޅުމާއި ކުށްމަދު މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އދ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ގައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ބުނެދީފައިވެއެވެ.

އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ހަމައެހެންމެ އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތުދީ މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

މީގެ އިތުރުން، ދަރިވަރުންނާ ގުޅުންހުރި ގާނޫނު ތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަން އުނގަންނައިދީފައިވެއެވެ.

އަދި ވަގުތުގެ މުހިންމުކަން އުނގަންނައިދީ ސްކޫލާއި މުޖުތަމައުގައި އުޅޭއިރު ދަރިވަރުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަން ދަސްކޮށްދިނުމަށް މައުލޫމާތު

ދިނުމުގެ ސެޝަންތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފަަސްވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި އދ. އަތޮޅު މަދަރުސާގެ 124 ދަރިވަރުން ބައިވެރިވިއެވެ.

ފުރާވަރު ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަސީރުއާއި، ނޯތު ސެންޓްރަލް ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ސަޠީޙްއާއި، ޓެކްނިކަލް ޑައިރެކްޓަރ ގާސިމް އަލީއާއި، އދ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ހަސަންއާއި، އދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޢަބްދުﷲ ޒުބައިރު ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް