ރަޝިޔާގެ މަހުޖަނެއްގެ އިތުރު ޔޮޓެއް އަތުލައިގެންފި – މިފަހަރު އިޓަލީން

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދެމުންދާތީ އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ ދަށުން ރަޝިޔާގެ މަހުޖަނުންގެ ސުޕަރ ޔޮޓްތަކާއި އެހެނިހެން އެސެޓްސްތައް ހިފަހައްޓަމުން އަންނަ އައުމުގެ ތެރެއިން އިތުރު ޔޮޓެއް އަތުލަ...

06 Mar 2022 | 05:21

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދެމުންދާތީ އަޅާ ދަތިކުރުމުގެ ފިޔަވަޅެއްގެ ދަށުން ރަޝިޔާގެ މަހުޖަނުންގެ ސުޕަރ ޔޮޓްތަކާއި އެހެނިހެން އެސެޓްސްތައް ހިފަހައްޓަމުން އަންނަ އައުމުގެ ތެރެއިން އިތުރު ޔޮޓެއް އަތުލައިގެންފިއެވެ.

މިއީ ފާއިތުވި ތިން ދުވަހު މިގޮތަށް އަތުލައިގަތް ތިންވަނަ ޔޮޓެވެ.

މިފަހަރު ޔޮޓެއް އަތުލައިގަތީ އިޓަލީ ފުލުހުންނެވެ. އިޓަލީ ފުލުހުން އަތުލައިގަތީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާއި ގާތް ގުޅުމެއް އޮންނަ އެލެކްސައި މޮރްދަޝޯވްގެ ލޭޑީ އެމް ނަމަކަށްކިޔާ ސުޕަރ ޔޮޓެކެވެ. މި ޔޮޓް އަތުލައިގެންފައިވަނީ އިޓަލީގެ އުތުރުގެ ބަނދަރެއް ކަމުގައިވާ ޕޯޓް އޮފް އިމްޕީރިއާއިންނެވެ.

މި ޔޮޓަކީ ދިގުމިނުގައި 213 ފޫޓު ހުންނަ، އަގު 50 މިލިޔަން ޑޮލަރަށްވުރެ މަތިން އަގު ކުރެވޭ ޔޮޓެކެވެ.

ގައުމުތަކުން ރަޝިޔާގެ މަހުޖަނުންގެ ޔޮޓްތައް ހިފަހައްޓަމުން އަންނަނީ އީޔޫގެ ގައުމުތަކުން އަޅާ ދަތިކުރުމުގެ ފިޔަވަޅުގެ ދަށުންނެވެ. އެ ފިޔަވަޅުގެ ދަށުން ފަސް މިލިޔަން ޑޮލަރަށްވުރެ އެ އެސެޓެއްގެ އަގު ބޮޑުނަމަ ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށްފަހު އެ އެސެޓެއް އަތުލެވިދާނެއެވެ. އަދި އެއަށްފަހު އެ އެސެޓެއް ވިއްކާލައި އޭގެން ލިބޭ ފައިސާ ޔޫކްރޭނަށް އެހީވުމަށް ނުވަތަ ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ބޭނުން ކުރެވިދާނެއެވެ.

މިފަދަ ފިޔަވަޅުތަކުން ސަލާމަތްވުމަށް ރަޝިޔާގެ މަހުޖަނުންގެ ސުޕަރ ޔޮޓްތަކާއި ސުޕަރ ޖެޓްތައް އަންނަނީ ރައްކާތެރި ޕޯޓްތަކަށް އަވަހަށް ދަތުރުކޮށް މިފަދަ އެސެޓްތައް ފޮރުވޭތޯ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެފަދަ މަހުޖަނުން ހިޔާރު ކުރަނީ ރާއްޖެއާއި ސީޝަލްސް ފަދަ ގައުމުތަކެވެ.

ރާއްޖެއާއި އެމެރިކާއާއި ދެމެދު އެފަދަ އެއްބަސްވުމެއް ނެތުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިފަދަ މުދަލެއް އަތުލައިނުގަނެވޭނެއެވެ. ސީޝަލްސް އަދި އިތުރު ދެތިން މިފަދަ ގައުމެއް ހިމެނެއެވެ.

މިހާރުވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިފަދަ ފަހަކަށްވުރެ ގިނަ ޔޮޓްސް އަޅާފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާ ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް