ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ފުލުހަށް ހާޒިރުވާން އަންގައިފި

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ އަޒްމޫން އަހުމަދު ދީދީ އާއި އަހުމަދު ފައިރޫޒު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ. ދެ ނޫސްވެރިންނަށް ވަކިވަކިން މިއަދު ފުލުހުން ފޮނުވި ޗިޓުގައި ބ...

06 Mar 2017 | 10:09

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ އަޒްމޫން އަހުމަދު ދީދީ އާއި އަހުމަދު ފައިރޫޒު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

ދެ ނޫސްވެރިންނަށް ވަކިވަކިން މިއަދު ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އެ ދެމީހުން ހާޒިރު ކުރަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅޭގޮތުން ސުވާލު ކުރުމަށް ކަމަށެވެ. އަޒްމޫންއަށް ފުލުހުންގެ އިދާރާއަށް ދާން އަންގާފައިވަނީ ހެނދުނު 11:00 އަށެވެ. ފައިރޫޒަށް އަންގާފައިވަނީ މެންދުރު 12:00 އަށެވެ.

ދުވަހަށް މައުލޫމާތު ދެމުން މި ދެ ނޫސްވެރިންވެސް ބުނީ ފުލުަހުންގެ އިދާރާއަށް ހާޒިރު ކުރަންޖެހޭ ވަރުގެ ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ދާއިރާގެ މަސައްކަތުގައިވެސް ދޮގު މައުލޫމާތެއް ފަތުރައި މީހެއްގެ އަބުރަށް އަރައިގަނެފައި ނުވާނެ ކަމަށެވެ.

އަޒްމޫން ލިޔުނު ހަބަރަކާއި ގުޅިގެން  މީގެ ކުރިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު އަހުމަދު ވަނީ ރާއްޖެ ޓީވީއާއި ދެކޮޅަށް އަބުރުގެ ދައުވާކޮށް، އެ ދައުވާ ކާމިޔާބުކޮށްފައި އެވެ. ބަދަލުގެ ގޮތުގައި ރާއްޖެ ޓީވީން ރޭގަނޑު އަށެއްގެ ހަބަރުގައި ވަނީ އެ ހަބަރު ގެނެސްދެވުނީތީ ޔަޒީދުގެ ކިބައިން މައާފަށް އެދިފައި އެވެ.

މި ދެ ނޫސްވެރންގެ އިތުރުން ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިއެއްގެ މައްޗަށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅި ކަމަށެ ބުނެ ދައުވާ ވަނީ އުފުލާފައި އެވެ. އޭގެ ތެރެއިން މުހައްމަދު ވިސާމްގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 28،000 ރުފިޔާއިންވަނީ ޖޫރިމަނާކޮށްފައި އެވެ. އަޒި އާދަމް ޒަރީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 3،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި އެވެ.

ދެން ދައުވާ އުފުލާފައިވަނީ ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި ނޫސްވެރިޔާ ލީވާން އަހުމަދު ނާސިރުގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް