މިއީ ގަބޫލުކުރާން ދަތި ކަމަކަށްވެސް ވެދާނެ އެވެ. ނަމަވެސް މިސްރުގެ ކަފްރު އެލް ޝެއިޚްގެ ގަވަރުނޭޓް، އުމުރުން 76 އަހަރުގެ އަލީ ޖީނޭޝް ބުނަނީ ދިރިއުޅުމުގައި ދިމާވި ހާދިސާއަކަށްފަހު އެއްގޮތަކަށް ފެން ނުބޯތާ މިހާރު 58 އަހަރު ވެފައިވާކަމަށެވެ.
އަރަބި ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ޖީނޭޝް ބުނެފައިވަނީ އެއީ 1959ގައި ހިނގި ހާދިސާއެއް ކަމަށާއި އެއް ދުވަހަކު ވަރަށް ގަދައަށް ފެންބޮވައިގަތުމުން ކަރުހިއްކުން ފިލުވުމުގެ ނިޔަތުގައި އެތައް އިރެއް ވާންދެން ހުއްޓުމެއްނެތި ފެން ބުއި ކަމަށެވެ. އަދި އެއަށްފަހު އެކަމުގެ ސަބަބުން އުނދަގޫ ވާން ފެށުމުން ޑޮކްޓަރަށް ދެއްކި ކަމަށެވެ.
"ޑޮކްޓަރު ބުނީ ފެން ގިނަ ވުމުގެ ސަބަބުން ބަނޑުގެ އެތެރެ ދުޅަވީ ކަމަށް، އަދި އެކަން ރަނގަޅު ވާންދެން ކުޑަ ވަގުތު ކޮޅަކަށް ފެން ނުބޮއެ މަޑުކޮށްލުމަށް އެދުނު، ނަމަވެސް ކިތައްމެ ގިނަ އިރެއް ކޮށްފަ ފެން ބުޔަސް ބަނޑަށް ތަދުވާން ފަށާ" އަލީ ޖީނޭޝް ބުނެފައި ވެ އެވެ.
އޭނާ ބުނެފައިވަނީ އެ ހާދިސާއަށްފަހު ފާއިތުވި 58 އަހަރު އޭނާ ފެން ނުބޯ ކަމަށެވެ. އަދި ފެން ގިނަ ތަރުކާރީވެސް ނުކާ ކަމަށެވެ.
ފެން ނުބޮއެ 58 އަހަރު ވީ ނަމަވެސް ޖީނޭޝް އިތުރަށް ބުނީ އެކަމަށް ހައްލެއް ހޯދުމަށް ފެހި އުއްދަނޑީގެ ދިޔަ ބޯން ފެށި ކަމަށާއި ނަމަވެސް ބަނޑުގެ ރިހުމަށް އެކަމުން ހައްލު ނުލިބޭ ކަމަށެވެ. އެހެންނަމަވެސް ފަހުން ރަތް އުއްދަނޑީގެ ދިޔަ ބޯން ފެށުމުން ބަނޑުގެ ރިހުމަށް ލުއި ލިބުނު ކަމަށެވެ. އަދި މިހާރުވެސް ބޮއެ އުޅެނީ ރަތް އުއްދަނޑީގެ ދިޔަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް