އެނގޭތަ: ފޯނު ގެއްލިޖެނަމަ އެ ފޯނު ހޯދިދާނެ

ފޯނު ގެއްލިއްޖެނަމަ ކޮންމެ ބޭފުޅެއްވެސް އެންމެ ފުރަތަމަވެސް އެކަން އަންގާނީ ޕޮލިހަށެވެ. އެއީ އެ ފޯނު އަނބުރާ ހޯދުމަށާ އެ ފޯނު ވަގަށް ނެގީ ކާކުތޯ ބެލުމަށެވެ. އެހެންނަމަވެސް، ފޯނު ގެއްލިގެން ރިޕޯޓު ކުރާ...

06 Mar 2017 | 06:01

ފޯނު ގެއްލިއްޖެނަމަ ކޮންމެ ބޭފުޅެއްވެސް އެންމެ ފުރަތަމަވެސް އެކަން އަންގާނީ ޕޮލިހަށެވެ. އެއީ އެ ފޯނު އަނބުރާ ހޯދުމަށާ އެ ފޯނު ވަގަށް ނެގީ ކާކުތޯ ބެލުމަށެވެ. އެހެންނަމަވެސް، ފޯނު ގެއްލިގެން ރިޕޯޓު ކުރާއިރު އެންމެ މުހިންމު ކަމަކަށް ވެފައި އޮންނަނީ، ފޯނުގެ އައި.އެމް.އީ.އައި ނަންބަރު ޕޮލިހުންނަށް ދިނުން – މިކަމާމެދު ވިސްނާ، އަދި މިފަދަ ކަމެއް ދިމާވެދާނެކަމަށް ދުރާލާ ވިސްނާ މި ނަންބަރު ހޯދާފައި ބަހައްޓަނީ ކިތައް ބޭފުޅުންތޯ؟

އާދެ، ފޯނެއްގެ އައި.އެމް.އީ.އައި ނަންބަރަކީ ކޮންމެ ފޯނަކަށްވެސް ޚާއްޞަކޮށް ދެވިފައިވާ ނަންބަރެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖެވެސް ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ މިންވަރަށް ބަލާއިރު، ރާއްޖޭގައި ޤާއިމުކުރެވިފައިވާ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ އިސްނެންގެވުމުގެ މަތިން، ފޯނެއް ގެއްލުމުން އެ ފޯނަކަށް ދެވިފައިވާ އައި.އެމް.އީ.އައި ނަންބަރު ބޭނުންކޮށްގެން ފޯނު ހޯދޭނެފަދަ ނިޒާމެއްވަނީ މިހާރުވަނީ ތަޢާރަފްކުރެވިފައެވެ.

މި ސިސްޓަމް ބޭނުންކޮށްގެން ފޯނު ހޯދަނީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެންނެވެ. އެއީ، ފޯނެއް ގެއްލިގެން ޕޮލިހަށް މައްސަލަ ހުށަހެޅުމުން، އެ ފޯނުގެ ވެރިފަރާތް އަތުން ފޯނުގެ އައި.އެމް.އީ.އައި ނަންބަރު ހޯދާ، އެ ނަންބަރު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ޤާއިމުކޮށްފައިވާ ސިސްޓަމަށް އެންޓަރކޮށް، އެ ފޯނު އަދި ފޯނުގައިވާ ސިމް އެންމެފަހުން ބޭނުންކޮށްފައިވާ ޞަރަޙައްދެއް ހޯދައެވެ. ސިމް އެންމެފަހުން ބޭނުންކުރި ޞަރަޙައްދު ހޯދުމަށްޓަކައި ގެއްލިގެން އުޅޭ ނަންބަރު، އުރިދޫ އަދި ދިރާގުފަދަ ފޯނުގެ ޚިދުމަތްދޭ ފަރަތްތަކާވެސް ހިއްސާކުރެވެއެވެ.

މިޒަމާނުގައި ފޯނަކީ ކެއުން ބުއިންފަދައިން ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ވަސީލަތަކަށް ވެފައިވާއިރު، މިފަދަ މުހިންމު އެއްޗެއް ގެއްލިދާނެކަމަށް ފިޔަވަޅު އެޅުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އަދި މިހާރު މިފަދަ ނިޒާމެއް ޤާއިމުކުރެވިފައިވާއިރު، މި ނިޒާމު މެދުވެރިކޮށް ފޯނު ހޯދޭނީ އެބޭފުޅެއްގެ ފޯނުގެ އައި.އެމް.އީ.އައި ނަންބަރު މެދުވެރިކޮށްކަމަށްވާއިރު، މި ނަންބަރު ހޯދުމަކީވެސް ހަމައެހާމެ މުހިންމުކަމެކެވެ. ކޮންމެ ފޯނެއް ގަންނަ އިރުވެސް އެ ފޯނެއްގެ އައި.އެމް.އީ.އައި ނަންބަރު، އެ ފޯނުގެ ފޯށީގައި ލިޔެވިފައިވާނެއެވެ. އަދި ފޮށި އެއްލާލެވިއްޖެނަމަ އެ ނަންބަރު ހޯދުމަށްޓަކައި ފޯނުގެ ކީޕޭޑްގައި #06#* ޖެހުމުން އެ ފޯނެއްގެ އައި.އެމް.އީ.އައި ނަންބަރު ޑިސްޕްލޭއަށް އަރާނެއެވެ. މިހާރު ހުންނަ ގިނަ ފޯނަކީ ޑުއަލް ސިމް ފޯނުކަމުން، ދެ ސިމްއަށްވެސް ކަނޑައެޅިފައިވާ އައި.އެމް.އީ.އައި ނަންބަރު ހަމަމިގޮތަށް ކީޕޭޑްގައި #06#* ޖަހައިގެން ވަކިވަކިން ހޯދޭނެއެވެ. މި ނަންބަރު ހޯދުމަށްފަހު ނޯޓުކޮށްގެން ގެންގުޅުމަކީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިލްތިމާސްއެކެވެ. އެއީ، ފޯނު ގެއްލިއްޖެ ހާލަތެއްގައި މި ނިޒާމު މެދުވެރިކޮށް ފޯނު ހޯދުމަށް ފަސޭހަވާނެތީއެވެ.

ބައެއް ފަހަރު ފޯނު ގެއްލެނީ ހަމައެކަނި މީހަކު ވަގަށް ނެގީމައެއް ނޫނެވެ. އެއާ ޚިލާފަށް، އަމިއްލަ ފަރުވާ ކުޑަކަމުން، ފެރީފަދަ ޓެކްސީފަދަ އަދި ރެސްޓޯރަންޓްފަދަ ޕަބްލިކް ތަންތަނުގައި ހަނދާންނެތި ފޯނު ބޭއްވުމުން ފޯނު ގެއްލެއެވެ. މިފަދަ ހާލަތެއްގައި ހެޔޮ ނިޔަތެއްގެ މީހަކަށް އެފޯނު ފެނިއްޖެނަމަ ފޯނުގެ ވެރިފަރާތަށް އަނބުރާ އެ އަމާނާތް ރައްދުކޮށްދެއެވެ. އެހެންނަމަވެސް، ބައެއް ޒާތުގެ މީހުން އަތްމައްޗަށްއަރާ ފޯނު، ފޯނުގެ ވެރިމީހާއަށް ރައްދެއްނުކުރެއެވެ.

މި ނިޒާމުގެ މޮޅުކަމަކީ ރާއްޖޭގެ ޞަރަޙައްދުގައި ހިމެނޭ ކޮންމެ އަތޮޅެއް އަދި ކޮންމެ ރަށެއްގައި އެ ގެއްލުނު ފޯނު އަދި ސިމް ބޭނުންކުރާކަމުގައިވީނަމަވެސް އެ ފޯނު ހޯދޭނެއެވެ.

ރާއްޖޭގައި މިހާރު 9 ލައްކައާ ކައިރިކުރާ ޢަދަދަކަށް ސިމްކާޑު ބޭނުންކުރެވެމުންދާއިރު، ސިމް ކާޑު ބޭނުންކުރަނީ ހަމައެކަނި ފޯނަށް ލައްވައިގެންނެއް ނޫނެވެ. ފޯނުގެ އިތުރުން، ލެޕްޓޮޕް އަދި ޓެބްލެޓްފަދަ ތަކެއްޗަށްވެސް ސިމް ކާޑު ލައްވައިގެން ބޭނުންކުރެއެވެ. މިހާރު މި ޤާއިމުކުރެވިފައިވާ ނިޒާމު މެދުވެރިކޮށް، ފޯނުގެ އިތުރުން ސިމް ކާޑު ލައްވާ ލެޕްޓޮޕް އަދި ޓެބްލެޓްފަދަ ޑިވައިސްތައް ގެއްލުމުންވެސް ހޯދޭނެއެވެ.

އާދެ، ޕޮލިހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އެވެރެޖްކޮށް ދުވާލަކު 5 އާ 6 ދެމެދުގެ ޢަދަދަކަށް ފޯނު ގެއްލިގެން މައްސަލަ ހުށަހެޅެއެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށް މި ނިޒާމު ބޭނުން ކުރެވެއެވެ. ފޯނެއް ގެއްލިގެން ރިޕޯޓުކޮށް ސިސްޓަމްއަށް އެންޓަރވާ ވަގުތުން ފެށިގެން ފޯނު ހޯދުމުގެ މަސައްކަތް ކުރިއަށްދެއެވެ. ވަރަށް މަދު ހާލަތެއްގައި މެނުވީ، ވީ އެންމެ އަވަހަށް މި ސިސްޓަމް މެދުވެރިކޮށް ފޯނު ހޯދެއެވެ. މި ދެންނެވި މަދު ހާލަތަކީ، ފޯނު ވަގަށް ނެގުމަށްފަހު ފޯނު އަދި ސިމް ކާޑު ބޭނުންނުކޮށް ބާއްވައިފިނަމަ ފޯނު ހޯދާ، ކޭސް ސޯލްވު ކުރުމަށް ދުވަސްކޮޅެއް ނަގައެވެ. އެއީ، މިހާރު އުޅޭ ވައްކަން ކުރާ މީހުންނަށްވެސް މި ނިޒާމު މެދުވެރިކޮށް ފޯނު ހޯދާކަން އިނގޭތީ އެމީހުން އެކަމަށް ސަމާލުވެ ފޯނު ބޭނުންނުކޮށް ގިނަދުވަހު ބާއްވައެވެ. ނުވަތަ އެ ފޯނު ރާއްޖެއިން ބެރަށް ފޮނުވާލައެވެ.

ވަގަށްނަގާ ފޯނު ރާއްޖެއިން ބޭރަށް ފޮނުވާލެވޭތޯ ބަލަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ އެހީތެރިކަން ހޯދައެވެ. މިގޮތުން، އެއް ޕެސެންޖަރަކު ގިނަ ޢަދަދެއްގެ ފޯނު ރާއްޖެއިން ބޭރުކުރަން އުޅޭނަމަ އެމީހަކާ ސުވާލުކޮށް، އެ ފޯނުތަކަކީ ވަގަށް ނަގައިފައިވާ ތަކެތިކަމަށް ޝައްކުކުރެވޭފަދަ ހާލަތެއްގައި މި ދެ މުއައްސަސާ ގުޅިގެން އެމީހަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅައެވެ.

ހަމައެފަދައިން، ވަރަށް މަދުން ނަމަވެސް ދިމާވާ ހާލަތަކީ، ދެ ފޯނެއްގެ އައި.އެމް.އީ.އައި ނަންބަރަކީ އެއް ނަންބަރަކަށް ވުމެވެ. މިހެން ދިމާވަނީ އެއް ފޯނަކީ ޑުޕްލިކޭޓް ފޯނަކަށް ވެއްޖެނަމައެވެ. ވީމާ، ފޯނު ގަންނައިރު، ގޮތް ނޭންގޭ ފަރާތްތަކުގެ އަތުން ޑުޕްލިކޭޓް ފޯނު ގަތުމުގެ ބަދަލުގައި ރަނގަޅު ޑިސްޓްރިބިއުޓަރއެއްގެ އަތުން ފޯނު ގަތުމަކީވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިލްތިމާސްއެކެވެ.

އާދެ، 2013 ވަނަ އަހަރުން ފެށިގެން ފޯނު ގެއްލިގެން މައްސަލަ ހުށަހަޅާ ނިސްބަތް އެއް އަހަރުން އަނެއް އަހަރަށް ދަނީ މަދުވަމުންނެވެ. އަދި، ފޯނު ގެއްލިގެން ރިޕޯޓު ކުރުމުން، ފޯނު ހޯދާ، ކޭސް ސޯލްވު ކުރެވޭ ނިސްބަތް އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ. މިއީ، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރާ މަސައްކަތަށް ޝުކުރު ހައްޤުވާވަރުގެ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް