ސޯމާލިޔާގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ބަނޑަށްޖެހިގެން 110 މީހަކު މަރުވެފައިވާކަމުގައި އެ ގައުމުން ހާމަކޮށްފި އެވެ.
ބިންގަނޑުގައި ފެން ހުސްވެ، ބިންތައް ހިކި، ކަނޑައިގެން ގޮސް އެގައުމުގައި ކާރިސާގެ ކުއްލި ހާލަތު އިއުލާނުކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގަ އެވެ. ސޯމާލިޔާގެ ސަރުކާރުން ހާމަކޮށްފައިވާގޮތުގައި މި ހާލަތުގައި ގާތްގަނޑަކަށް ފަސް މިލިޔަން މީހުންނަށް އެހީތެރިކަން ބޭނުންވެ އެވެ.
ސޯމާލިޔާގެ މި ހާލަތު އދ އާއި ހިއްސާކޮށްފައިވާކަމަށާއި އަދި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ހާލަތު ކުރިމަތިވެފައިވާ ސަރަހައްދަށް އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ޓީމެއް ސޯމާލިޔާއަށް ދާނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމުގައިވެސް ސޯމާލިޔާއިން ހާމަކޮށްފައި ވެ އެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އިންސާނީ އެހީދޭ ޖަމާއަތްތަކުން ހާމަކޮށްފައިވާގޮތުގައި ބަނޑަށްޖެހިފައިވާ ކުޑަކުދިންގެ އަދަދު އެކަނިވެސް އުޅެނީ ތިން ލައްކައަށްވުރެ މަތީގަ އެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް 70 ހާހަށްވުރެ ގިނަ ކުދިންގެ ހާލަތު ވަރަށް ދެރަކަމުގައިވެސް އެ ޖަމާއަތްތަކުން ވަނީ ހާމަކޮށްފަ އެވެ.
އދ ގެ ހިއުމަނިޓޭރިއަނުން ހާމަކުރާގޮތުގައި މި އަހަރު ސޯމާލިޔާގެ 3.9 މިލިޔަން މީހުންނަށް އެހީވުމަށް 864 މިލިޔަން ޑޮލަރުގެ އެހީ ބޭނުންވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް