އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަން ހަމަޖެއްސި ދަތުރުފުޅު ކެންސަލް ނުކުރައްވާ ކަމަށާއި ދަތުރުފުޅު ފަސްކޮށްލެއްވީ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ވިދާޅުވީ މޯދީގެ ދަތުރުފުޅު ފަސްކޮށްލެއްވީ ދެގައުމުންވެސް އެކަމަށް ތައްޔާރުވާން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި މޯދީ ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ފަހުން އިއުލާނު ކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެ އެވެ.
މިނިސްޓްރީން މިހެން ވިދާޅުވެފައިވާއިރު މޯދީ ރާއްޖެ ވަޑައިނުގަތުމަށް ނިންމީ ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތުން ކަމަށް އިންޑިއާގެ ބައެއް ނޫންތަކުން ވަނީ ބުނެފަ އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު އާންމުކުރި މޯދީގެ ދަތުރު ޝެޑިއުލްގައި ވާގޮތުން މިމަހު 11 އިން 14 އަށް މޯދީ ދަތުރު ކުރައްވާނީ ލަންކާއަށާއި މޮރިޝަސް އަދި ސީޝެލްސް އަށެވެ.
މީގެ ކުރިން ބުނެފައިވަނީ މޯދީ މިމަހު ކުރައްވާ ދަތުރުފުޅުގައި މިމަހުގެ 15 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް