"ކަލޭމެން ގުޅައިގެން ފޯނު ނަގަން ނުޖެހޭނެ ކަމަށާއި، އައްޑޫއަކީ މަށާ ވާ ބެހޭތަނެއްވެސް ނޫންކަމަށް" ވަޒީރު ޣައްސާނު ވިދާޅުވިކަމުގެ ތުހުމަތު

ދިފާޢީ ވަޒީރު ޣައްސާން "ކަލޭމެން ގުޅައިގެން ފޯނު ނަގަން ނުޖެހޭނެ ކަމަށާއި، އައްޑޫއަކީ މަށާ ވާ ބެހޭތަނެއްވެސް ނޫންކަމަށް" ޣައްސާން ވިދާޅުވިކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވެ...

06 Feb 2025 | 17:48

ދިފާޢީ ވަޒީރު ޣައްސާން "ކަލޭމެން ގުޅައިގެން ފޯނު ނަގަން ނުޖެހޭނެ ކަމަށާއި، އައްޑޫއަކީ މަށާ ވާ ބެހޭތަނެއްވެސް ނޫންކަމަށް" ޣައްސާން ވިދާޅުވިކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

މެންބަރު އަބްދުއްރަހްމާން މިހެން ވިދާޅުވީ މަޖިލިސް ރައީސަށް ފޮނުއްވި ޝަކުވާގެ ސިޓީފުޅެއްގައެވެ.

މެންބަރު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ތަމްސީލުކުރާ މެންބަރުގެ ހައިޞިއްޔަތުން، އަޅުގަނޑާއި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މަޢުމޫން ބައްދަލުވެ ދެކެވުނު ވާހަކައިގެ ތެރެއިން، އަޅުގަނޑު ތަމްސީލުކުރާ އައްޑޫ މީދޫ ރައްޔިތުންނަށާއި އައްޑޫގެ ރައްޔިތުންނަށް، އަދި ޖުމުލަކޮށް ދިވެހި ރައްޔިތުންނަށް ނިސްބަތްކޮށް ވަރަށް ނިކަމެތިގޮތަކަށް ވަޒީރު ވާހަކަފުޅު ދެއްކެވުމުން މަނިކުފާނުގެ ސަމާލުކަމަށް އެކަން ގެނައުމަށް ދަންނަވާކަމަށާއި  ރިޔާސީ ބަޔާނަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއިން ވަޒީރު ޢައްސާން މަޢުމޫން އާއި އަޅުގަނޑު ބައްދަލުވުމުން، އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެކަމެއްގައި ވަޒީރަށް އަޅުގަނޑު ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ އޮތް ވާހަކަ އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު މިހެން ދެންނެވުމުން ވަޒީރު ކޯފާ އިސްކުރައްވައި، ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ، އައްޑޫއަކީ މަށާ ބެހޭވެސް ތަނެއްނޫން" މިގޮތަށް ވިދާޅުވި ކަމަށެވެ.

"ވަޒީރު މިހެން ވިދާޅުވުމުން، ވަޒީރަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި އަޅުގަނޑާ ވަރަށް ގިނައިން ބައްދަލުވެ ވާހަކަ ދެކެވިފައި ހުރި ބޭފުޅަކަށް ވާތީވެ، އަޅުގަނޑު ގާތުގައި އައްޑޫ ރައްޔިތުންނަށް އެ ބޭފުޅުންނަށް ވޯޓު ދެއްވައިފިނަމަ އައްޑޫ ރައްޔިތުން އެހެން ބަޔަކަށް ދުވަހަކުވެސް ވޯޓު ނުދޭވަރު ކޮށްދޭނަމޭ ވިދާޅުވި ވާހަކަ ހަނދުމަފުޅުކޮށް އަޅުގަނޑު އެރުވީމެވެ. ނަމަވެސް ވަޒީރު އިތުރަށް ކޯފާ އިސްކުރައްވައި، "ތިމަންނަ އައްޑޫއަށް ދިޔައީ ކަލޭމެން އައްޑޫ މީހުން އެދިގެން، އައްޑޫ އަކީ މަށާ ބެހޭ ތަނެއްވެސް ނޫން...." މިގޮތަށް ވިދާޅުވި" މެންބަރު ވިދާޅުވެފައިވެއެވެ.

މެންބަރުގެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ ދަޢުލަތުގެ ދިފާޢީ ވަޒީރަކަށް ހުންނަވާ ބޭފުޅަކީ ދިވެހި ހުރިހާ ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅަކަށް ވާއިރު، ތިރީސް ފަސް ހާހަށްވުރެ ބޮޑު އާބާދިއެއްގެ މައްޗަށް އެކުލެވޭ އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް، އަދި ޖުމްލަކޮށް ދިވެހި ހުރިހާ ރައްޔިތުންނަށް ނިސްބަތްކޮށް މިފަދަ ދަށު ދަރަޖައިގެ ބަހުރުވައަކުން ވަޒީރު ޢައްސާން ވާހަކަފުޅު ދެއްކެވުމުން، އެ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ދެންނެވުމަށް މަނިކުފާނުގެ ކިބައިން ވަރަށް އަދަބުވެރިކަމާއެކު އެދެމެވެ. އަދި ވަޒީރު ޣައްސާންގެ މަގާމުގެ މަސްޢޫލިއްޔަތާއި، ވަޒީރު ކަމަށް އައްޔަން ކުރެވުނު އިރު ކޮށްފައިވާ ހުވައި އަލުން ހަނދުމަކޮށް އެރުވުމަށްވެސް ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް