އޯޝަން ސިކްސް ފިފްޓީގެ "އެކްރޮސް މޯލްޑިވްސް" ޑައިވް ހަރަކާތުގެ ޑިޖިޓަލް ޕަރޓްނަރަކަށް ދިރާގު

އޯޝަން ސިކްސް ފިފްޓީއިން ދުނިޔޭގެ ރެކޯޑެއް ގާއިމްކުރުމަށްޓަކައި "އެކްރޮސް މޯލްޑިވްސް"ގެ ނަމުގައި ހިންގާ ޑައިވް ހަރަކާތުގެ އެކްސްކްލޫޒިވް ޑިޖިޓަލް ޕަރޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ. މި ޑައިވ...

06 Feb 2025 | 07:35

އޯޝަން ސިކްސް ފިފްޓީއިން ދުނިޔޭގެ ރެކޯޑެއް ގާއިމްކުރުމަށްޓަކައި "އެކްރޮސް މޯލްޑިވްސް"ގެ ނަމުގައި ހިންގާ ޑައިވް ހަރަކާތުގެ އެކްސްކްލޫޒިވް ޑިޖިޓަލް ޕަރޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

މި ޑައިވް ކުރުމަށް ތައްޔާރުވަމުންދަނީ، 2022 ވަނަ އަހަރު މެދުނުކެނޑި 50 ގަޑިއިރު ޑައިވްކޮށް އޭޝިއާގެ އެންމެ ދިގު ސްކޫބާ ޑައިވްގެ ރެކޯޑް ހަދައިފައިވާ ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރ ޝަފްރާޒް ނަސީމްއެވެ. މި ގޮތުން، ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުން ފެށިގެން އެންމެ ދެކުނާހަމައަށް ފީނުމަށް ވަނީ ރޭވިފައެވެ.

"އެކްރޮސް މޯލްޑިވްސް"ގެ ހަރަކާތުގެ ތެރެއިން ދުނިޔޭގެ ދެ ރެކޯޑު ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކަން ކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހައިލައިގެންނެވެ. މި ގޮތުން، ފުރަތަމަ ފިޔަވަހީގެ ދަށުން ހެދުމަށް މަސައްކަތްކުރާނެ ރެކޯޑަކީ، ހުޅުމާލެއިން މާލެއަށް، 14 ކިލޯމީޓަރުގެ ފީނައިގެންނެވެ. ދެވަނަ ރެކޯޑު ހެދުމަށް މަސައްކަތްކުރާނީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ގަމާއި ހަމައަށް، 460 ކިލޯމީޓަރުގެ ފީނައިގެންނެވެ. މި ހަރަކާތުގެ މަގުސަދަކީ، ރާއްޖޭގެ ކަނޑުތަކުގެ ރީތިކަން ދުނިޔެއަށް ދައްކައިލައި، ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ނުރައްކާތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމެވެ. އަދި، މި ހަރަކަތުގެ އެހީގައި، މޫސުމީ ބަދަލުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓައް ކޮށްފައިވާ އަސަރުތައް ދެނެގަނެ، އެ ކަމުގެ މުހިންމު މައުލޫމާތުތައް އެއްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރުޝާން ހަސަން ވިދާޅުވިގޮތުގައި، "ދިރާގުން ކުރިއަށް ގެންދާ ސީ.އެސް.އާރ ހަރަކާތްތަކުގެ ތެރެއިން "ކެއަރ ފޯ ދި އޯޝަންސް" ގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. މި ގޮތުން، ޝަފްރާޒް އާއި އޯޝަން ސިކްސް ފިފްޓީގެ ފަރާތުން މި ހިންގާ މުހިންމު ހަރަކާތުގެ ޑިޖިޓަލް ޕަރޓްނަރަކަށް ދިރާގު ވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. އަދި މި ހަރަކާތުގެ އެހީގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ހޭލުންތެރިކަން އިތުރުވެ، އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ކަނޑުތައް ރައްކާތެރިކުރުމަށް އިތުރު ހަރަކާތްތައް ހިންގުމަށް ބާރު އެޅިގެންދާނެކަމަށް އުންމީދުކުރަން. ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މި ދަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މި ފަދަ މުހިންމު ހަރަކާތްތަކަށް ހިތްވަރުދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފޯރުކޮށްދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް."

ދިރާގަކީ އަބަދުވެސް، ތިމާވެށި ރައްކާތެރިކުރުމަށް އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ހައްލު ހޯދުމަށް ރާއްޖޭގައި ހިންގާ މި ފަދަ ހާއްސަ ހަރަކާތްތަކަށް  އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވަމުންދާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް