އަވަސްއަވަހާ އޭނާ ތެދުވެގެންގޮސް ދަބަހުގައި އޮތް އައިޑީކާޑު ނަގައިފިއެވެ. މިއަދު ހަމްޒާއާ ދިމާވިވަގުތު، އެ ކާޑު ދެވުނުނަމައޭ ނޫރާގެ ހިތަށްއެރިއެވެ. އެހެންނަމަވެސް އެވަގުތު އޭނާ ހާސްވެ ކަންބޮޑުވެފައިހުރިވަރުން އެކާޑުމަތިން ހަނދާނެއް ނުވިއެވެ.
ދެވަނަ ސިކުންތުގައި ނޫރާގެ ހިތުގައި ސުވާލު އުފެދުނީ އެ ކާޑު ނޫރާއަތުގައި އޮތްކަން ހަމްޒާ އަށް އެނގުނުގޮތަކާމެދުގައެވެ. ކުރިންވެސް އެތަކެއް ސުވާލެއް އުފެދިފައިވާ ހިތުގައި އެތަކެއް ސުވާލުމާކުތަކެއް އިތުރުވެ ސިކުނޑި ހަލަބޮލިކޮއްލައިފިއެވެ.
ހަމްޒާގެ އައިޑީކާޑު ނޫރާ އަތުގައި އޮތްކަން އެނގުނުގޮތަކާމެދު ނޫރާ ވިސްނަންފެށިއެވެ. އެތައް ގޮތަކަށް އޭނާ ވިސްނައިފިއެވެ. ކުއްލިއަކަށް ހަނދާނަށް އައީ ސައުދު ބޭގެ ފިހާރައަކީ ހަމްޒާގެ ބައްޕަގެ ހިއްސާއޮންނަ ފިހާރައެކޭ ހަމްޒާބުނިބުނުމެވެ. އެއީ ތެދެއްކަމަށްވަންޏާ، އެ ކާޑު ގެއްލިގެން ހަމްޒާ އެ ފިހާރައިގެ ކެމެރާ ރެކޯޑިން ޗެކްކުރީކަމަށްވެސް ވެދާނެއެވެ. އެހެންކަމަށްވަންޏާ، ނޫރާ އެ ކާޑު ފޮރުވައިގެން އުޅޭކަންވެސް ހަމްޒާއަށް އެނގޭނެތާއެވެ. ވީއިރު ކާރުގައި އިންވަގުތު، ހަމްޒާ އެވާހަކަ ނުދެއްކީ ކީއްވެ ބާއެވެ. އެވާހަކަ ނުދެއްކީ ނޫރާގެ ދެތުވެރިކަން އިމްތިހާނު ކުރަންބާވައެވެ. ހަމްޒާ ދެކޭނީ ނޫރާއަކީ ކޮންކަހަލަ މީހެއް ކަމަށް ހެއްޔެވެ. މިފަދަ ޚިޔާލުތަކުން ނޫރާގެ ސިނކުނޑި ފުރިބާރު ވަމުންދިޔަވަރަކަށް، އޭނާ ހާސްވެ ކަންބޮޑުވަމުންދިޔައެވެ.
އެންމެފަހުން ނޫރާ ބޭނުންވީ ހަމްޒާގެ ކާޑު ހަމްޒާއާ ހަވާލު ކުރާށެވެ. އެކަން ކުރަން މާލަސްވެއްޖެ ކަމަށް ނޫރާއަށް ޤަބޫލު ކުރެވުނެވެ.
''ހަމްޒާގެ އައިޑީކާޑު އަހަރެން އަތުގައި އެބައޮތް...... އެކާޑު އަހަންނަށް ފެނުނީ ފިހާރަތެރޭގައި ވެއްޓިފައި އޮއްވަ...... ހަމްޒާއަށް އެ ކާޑު ހަވާލު ކުރެވޭގޮތް ނުވީ...... '' ފޯނު ނެގުމަށްފަހު، ތުރުތުރު އަޅަމުން ދިޔަ އިނގިލަތކުން ނޫރާ މެސެޖެއް ލިޔެލިއެވެ. އެތައްފަހަރަކު ވިސްނުމަށްފަހު ނޫރާ މެސެޖް ސެންޑް ބަޓަނަށް ފިއްތާލުމަށްފަހު ލޯ މަރާލިއެވެ. ތެޅިތެޅި އޮތް ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.
''އެހެންވީމަ ދާންވީތަ ކާޑު ބަލާ؟.......'' މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ހަމްޒާގެ ރިޕްލައި އެއް ލިބުނެވެ. އެހެންނަމަވެސް ހަމްޒާ އެ ބުނި އެއްޗަކުން ނޫރާއަށް އިންތަނުން ތެދުވުނެވެ. ހަމްޒާއަކީ ނޫރާ ދަންނަ މީހަކަށް ނުވާއިރު ގެއަށް އަންނަން އެއްބަސް ވެވޭނީ ކިހިނެއް ހެއްޔެވެ. ނޫރާގެ ފިރިހެން ރައްޓެހިން ނުތިބޭތާނގައި އަންހެން ރައްޓެހިންވެސް ނިކަން މަދެވެ. ނޫރާގެ ހަމަހިމޭން، މަޑުމައިތި މިޒާޖުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ނޫނީ ނޫރާގެ ހެދުން އެޅުމާ، މިޒާޖުގައި ހުންނަ ލަދުވެތި ކަމުގެ ސަބަބުންނޫންކަމެއްވެސް ނޭނގެއެވެ. ސްކޫލު ދައުރުގައިވެސް ނޫރާއަކީ ރައްޓެހިން ގިނަ ކުއްޖެއްނޫނެވެ. އަދި ގެއިން ބޭރަށްގޮސް، މަޖާ ނެގުމުގައި ވަގުތު ހޭދަކުރަން ޝައުޤުވެރިވާ ކުއްޖެއްވެސް ނޫނެވެ.
''ނޫރާ....... ޖަވާބެއް ދީބަލަ....... '' ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިން، ނޫރާ ސިއްސުވާލީ އަތުތެރޭގައި އޮތް ފޯނުގެ ބީޕްގެ އަޑުންނެވެ.
''ލަޔާލްގެ ހަވާލުގައި އައިޑީކާޑު ފޮނުވައިދޭނަން......'' ނޫރާ އަށް ވިސްނުނު އެންމެ ރަނގަޅުގޮތަކަށްވީ ލަޔާލްއާ ހަމްޒާގެ ކާޑު ހަވާލުކޮއްލުމެވެ. އެހެންކަމުން ނޫރާ ބޭނުންވާ ގޮތް އޭނާ ހާމަކުރިއެވެ.
''އެންމެ ރަނގަޅު.......'' ހަމްޒާގެ ޖަވާބުވެސް ނިކަން ސާދާވެފައި ކުރެވެ. ނޫރާ ހިތްހަމަ ޖެހުނެވެ. ހަމްޒާ އެގެއަށް ނައިސް، ފަސޭހަކަމާއެކު ކާޑު ހަވާލުކުރެވޭ ގޮތެއް ވުމުން އުފާވިއެވެ. ނިކަން އަވަސް އަވަހަށް ފޯނުން، ލަޔާލްގެ ނަމްބަރު ހޯދާލިއެވެ. ލަޔާލް ހުރީ ނޫރާގެ ކޯލުގެ އިންތިޒާރުގައި ކަހަލައެވެ. ގުޅާލުމާއެކު ފޯނު ނަގައިފިއެވެ.
''ކީކޭ ނޫރާ........'' ލަޔާލް އާދައިގެ ގޮތަކަށް އަހާލިއެވެ.
ނޫރާއަށް ވާހަކަ ފަށާނެ ގޮތެއް ނުވިސްނުނެވެ. ލަޔާލްއަކީ ތިމާގެ ކުއްޖަކަށްވިޔަސް، ކަންކަމުގައި މާ ގިނައިން ނޫރާ ލަޔާލްއަކަށް ނުގުޅައެވެ. ގެޔަށް އައިސް އުޅުނަސް، މާގިނަ ވާހަކަތަކެއް ދެއްކުމަކީ ނޫރާ ކުރާކަމެއް ނޫނެވެ.
''ނޫރާ.......ކަމަކުތަ...... ބޮޑުދައިތަ ބުނެގެންދޯ........ މިއަދު އަހަންނަށް ކާން ނުދެވުނީމަ އެކަމާ ބޮޑުދައިތަ ހިތްހަމަ ނުޖެހުނީދޯ.......'' ލަޔާލް އަކީ އަނގަ ގަދަ، ޒުވާނެކެވެ.
''ނޫނޭ....... ކަމަކު ކިޔަންކަމަށް......'' ނޫރާ ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.
''އަވަހަށް ބުނޭ........ ނޫރާ ބުނެފިތަ......އަހަރެން އެކަމެއް ވޭތޯ ބަލާނަން........ތަނަކަށް ގެންގޮސްދޭންވީތަ........'' ލަޔާލް ސުވާލު ކުރިއެވެ.
''ނޫނޭ.......އެއަށްވުރެ ބޮޑުކަމެއް.......'' ނޫރާ ހީވަނީ ނުދަންނަމީހަކު ކައިރީ ކަމަކު ކިޔަންވެގެން އުޅޭހެންނެވެ.
''ބޮޑު ކަމެކޭ.......ކިހާވަރެއްގެ ކަމެއްބާ؟..........މިހާރު އަހަރެން ކަންފަތް ކޮޅަށްޖަހައިގެން އިނދެއިނދެ ވަރުބަލިވެއްޖެ......'' ލަޔާލް ހުރީ ވަރަށް މަޖާ މޫޑެއްގައެވެ. އެއީ އޭނާގެ އާދައެވެ. ކަންބޮޑުވެ ހާސްވެފައި ހުއްޓާ އޭނާ ފެނުމަކީ ނާދިރުކަމެކެވެ. އެހެންމީހުން ކަންބޮޑުވެ ހާސްވެފައި ތިބޭވަގުތުވެސް، ލަޔާލް އެމީހުންނަށް ހިތްވަރު ދެނީ ހިނިތުންވަމުންނެވެ. އާއިލާ ތެރޭގައި ޖެހޭ ކުދިކުދި މައްސަލަތައް ހައްލުކޮށްދެނީ ތަޖުރިބާ ހުރި ދުވަސްވީ މީހެއްފަދައި ވިސްނުންތެރިކަމާ އެކުގައެވެ. ލަޔާލްއަކީ ދުރުވިސްނޭ، ޒުވާނެކެވެ.
''ހަމްޒާގެ އައިޑީކާޑު އަހަރެން އަތުގައި އޮތީމަ އެ ރައްދު ކޮއްދީބަލަ.......'' ނޫރާ ދެލޯމަރާލަމުން އޭނާ ބުނަން ބޭނުންވި ވާހަކަ ބުނެފިއެވެ. ލަޔާލް ކޮންމެ އެއްޗެއް ހީކުރިޔަސް އެންމެ ރަނގަޅެވެ.
''ތީ ދެން އެއްވެސް ކަމެއް ނޫނެއްނު....... ކިހާއިރަކު ދާންވީ ކާޑުބަލާ.......ކަމަނާގެ އެޕޮއިންޓްމަންޓް ހަމަޖެހުނީމައެއްނު ދެވޭނީ.........'' ލަޔާލް ނޫރާއާ ސަމާސަކޮއްލުމުގެ ގޮތުން ބުންޏެވެ. ނޫރާ ހީކުރީ އެ ކާޑު ނޫރާއަށް ލިބުނުގޮތެއް ލަޔާލް އަހާނެ ކަމަށެވެ. ލަޔާލް އެއްވެސް ސުވާލެއް ނުކުރީތީ ނޫރާ ހައިރާންވިއެވެ. މިހުރިހާއިރު ނޫރާ ހުރީ ލަޔާލް އެކަމާ ގުޅޭގޮތުން ސުވާލުކޮށްފާނެތީ ޖެހިލުންވެފައެވެ.
''މަންމަ ވަރަށް ޝަކުވާކުރި ލަޔާލް މެންދުރު ކާން ނައިމަ......... އެހެންވީމަ ކާށާއެކު އާދޭ މިރޭ..........'' ހިތަށް ލިބިފައިވާ ހާސްކަން ކުޑަވުމުން ނޫރާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ.
''އޯކޭ ކައިރިކޮއްލާނަން އިޝާނަމާދަށްފަހު.........އޯކޭ އެއްނު.......'' ލަޔާލް ފޯނު ކަނޑާލިއެވެ.
*****
އިޝާނަމާދަށްފަހު ލަޔާލް އަންނަވާހަކަ ބުނެފައި އޮތުމުން ނޫރާވެސް ބޭނުންވީ ތައްޔާރު ވެލައިގެން ނުކުންނާށެވެ. ލަޔާލް އައުމުގެ ކުރިން ކާމޭޒުމަތި ތައްޔާރުކޮއްލަން ނޫރާ ބޭނުމެވެ.
ނޫރާ ތައްޔާރުވެލުމަށްފަހު، ލޯގަނޑު ކުރިމައްޗަށް ހުއްޓި އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. ކަޅުކުލައިގެ އަބާޔާގެ ބަދަލުގައި އޭނާ މިރޭ ލައިގެންހުރީ ކަކުލުންތިރިޔަށްއޮތް ހެދުމަކާއެކު ނޫކުލައިގެ ޖީންސެކެވެ. އެއީ ގޭގައި އުޅޭއިރު ނޫރާ އާއްމުކޮށް ހެދުންއަޅާގޮތެވެ.
''ދަރިފުޅާ......... '' ޒަރީނާ ގޮވާލިއަޑަށް ނޫރާ ނިކަން އަވަސްއަރުވާލާފައި ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
''މިއަދު ދަރިފުޅު ނުވެސް ނިކުމެ ކީއްތަ ތިޔަ ކުރަނީ........ މެންދުރު ނުވެސްކައި.......... ބައްޕަވެސް މިހާރު އެތައްފަހަރަކު ދަރިފުޅު ނުފެންނާތީ އަހައިފި.........'' ޒަރީނާ އޭނާގެ ލޯބިވާ ދެލޯފަދަ ދަރިފުޅާ ދިމާއަށް ނުހަނު ލޯބިން ބަލާލަމުން ޝަކުވާކޮއްލިއެވެ.
''މާ ބޮޑަށް ވަރުބަލި ވެފަ ހުރީމަ ނިދުނީ........ދެން ނަމާދު ކޮށްލައިގެން ނިކުންނަން މި މަޑުކުރީ........ މިރޭ އޮފްރޭ ވީމަ ދެން އެހާ އަވަހާ ނުކެޔަސް ރަނގަޅުވާނެއެއްނު.......'' ނޫރާ އާދައިގެ ބުރުގާއެއް ބޮލަށް ވައްޓާލަމުން ނިތްކުރިމަތިން ހެޔޮވަރުކޮށްލިއެވެ.
''ލަޔާލް ބުނި މިރޭ ކާން އަންނަވާހަކަ........ '' ނޫރާ ލޯގަނޑުން ބަލަމުން ބުރުގާގައި ދަތިޖަހާލިއެވެ.
''އެހެންތަ.......އެހެންވިއްޔާ ކާންހަދަންވީތާދޯ....... ދަރިފުޅުވެސް އާދޭ...........'' ޒަރީނާ ނިކަން އުފަލުން ބަދިގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ޒަރީނާ އަކީ އެ އާއިލާގެ ކުދިން ދެކެ ނިކަން ލޯބިވާ، އެ އާއިލާ ހުރިހާ ކުދިންގެ ބޮޑުދައިތައެވެ. ދަރިއަކު ނުލިބިވީ ދުވަސްތަކުގައި ޒަރީނާ ލަޔާލްމެން ގެންގުޅުނީ ނިކަން ލޯބިންނެވެ.
''ބޮޑުދައިތާ..........'' ކާން ހަދާ ނިމުނުތަނުން ލަޔާލްގެ އަޑު ދެމައިންގެ ކަންފަތުގައި ޖެހުނެވެ.
''އާނ.....ލަޔާލް ކޮއްކޯ........ އާދޭ ......ވަދޭ....... ބޮޑުދައިތަމެން އެބައުޅެމޭ ބަދިގެތެރޭ............ ވަދެބަލަ ނިކަން.........'' ޒަރީނާ ވާހަކަދެއްކީ ތަންކޮޅެއް ބާރަށެވެ. ލަޔާލް ހުރި ހިސާބަށް އަޑު ފޯރާވަރަށެވެ.
''މިތިބީދޯ........އައްދެ ހާދަ ވަސްގަނޑު ރަނގަޅޭ...... މާބޮޑަށްވެސް ބަނޑުހައިވެއްޖެ.........'' ލަޔާލް ބަދިގެ ތެރެއަށް ބޯދިއްކޮށްލަމުން ނޭފަތް ދަމާލިއެވެ.
''މިހާ މީރުކޮށް ކައްކާ، މަސްފިހެފައި ހުއްޓަވިއްޔަ މިއަދު މެންދުރު، މިގެޔާ ހަމައަށް އައިސް ނޫރާ ބާލާފަ، ނުވެސް ވަދެ ތި ދިޔައީ........'' ޒަރީނާ ލަޔާލްގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. އެވަގުތު ލަޔާލްއާ ނޫރާއަށްވެސް ، އެކަކު އަނެކެއްގެ މޫނަށް ބަލާލެވުނެވެ. ލަޔާލް ނޫރާ ގޮވަގެން ގެއަށް ގެނެސްދޭން ނާންނަކަން ބޮޑުދައިތަށް ނޭގިއޮތްކަމީ ލަޔާލްވެސް ބޭނުންވިގޮތެވެ.
''ބޮޑުދައިތަ ކައްކާ މީރު އެއްޗިހީގެ ރަހަދައްކާލަން ރައްޓެއްސަކުވެސް ގޮވައިގެން މިއައީ...............'' ލަޔާލް ނިކަން ހަމޖެހިލަމުން ބުނެލިއެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 11 ފެބްރުއަރީ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް