ވަކި ކަމަކަށް އަމާޒުކުރުމެއް ނެތި ކުރާ ޚަރަދުތައް މަދުކޮށް އާމްދަނީ އިތުރުކޮށް ދަރަނި ބެލެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަންޖެހޭކަމުގައި ވޯލްޑް ބޭންކުން ފާހަގަކޮށްފިއެވެ.
ވޯލްޑްބޭންކުން މިކަން ފާހަގަކޮށްފައިވަނީ ވޯލްޑް ބޭންކުގެ ސައުތް އޭޝިއާގެ ވައިސް ޕްރެޒިޑެންޑް މާޓިން ރެއިސާ ރާއްޖެއަށް ކުރެއްވި 4 ދުވަހުގެ ދަތުރު ނިންމަވާލެއްވުމަށްފަހު އެ ބޭންކުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެގޮތުން އެ ނޫސްބަޔާނުގައި ބުނެފައިވަނީ ވޯލްޑް ބޭންކް އާއި ދިވެހިރާއްޖެއާއި ދެމެދު އުފެދިފައިވާ 45 އަހަރުގެ ގުޅުމާއި، ދިވެހިރާއްޖޭގެ ތަރައްގީގެ އެޖެންޑާ އަށް ވޯލްޑްބޭންކުން ދެއްވަވަމުން ގެންދަވާ އެހީ އާއި އެއްބާރުލެއްވުން މެދުކެނޑުމެއްނެތި ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން މާޓިން ރެއިސާ ދެއްވި ކަމަށާއި އަދި ހަމަ އެއާއި އެކު، ދައުލަތުން ކުރާ ހޭދަތައް މަތިވުމާއި، ބޭރުފައިސާގެ ރިޒާވްގެ މަދުކަމާއި، ދަރަނި ބޮޑު ވުމާއި ދުނިޔޭގެ މާލީ ވުޒާރާތަކުގެ އިންޓަރެސްޓް ރޭޓު މަތިވުމާގުޅިގެން ކުރިމަތިވެދާނޭ ނުރައްކާތަކަށް ރިއާޔަތްކޮށް އަވަހަށް ފިސްކަލް ރިފޯމްތައް ގެނައުމުގެ މުހިންމުކަން ވެސް އެބޭފުޅާ ފާހަގަކުރެއްވި ކަމަށެވެ.
މާލެ ވަޑައިގެން ރެއިސާ ވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިޒު އާއި މިނިސްޓަރ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގު، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ އަލްފާޞިލް ތޯރިގް އިބްރާހިމް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޞިލް މުހައްމަދު ސައީދުގެ އިތުރުން އެހެން ވަޒީރުންނާއ އަދި ޑިވެލޮޕްމެންޓް ޕާޓްނަރުންނާއި ބައްދަލުކުރައްވަވާފައެވެ.
"ދިވެހިރާއްޖެއިން މިވަނީ ފާހަގަކުރެވޭ މިންވަރަށް ކުރިއެރުން ހޯދާފައި. މިގޮތުން ސިއްހީ ފަރުވާ، ތައުލީމު، ބޯހިޔާވަހިކަން އަދި އެހެނިހެން އާއްމުހިދުމަތްތައް ހިމެނޭހެން އެކި ދާއިރާތަކުން ނަތީޖާ ހާސިލުކޮށްފައިވާ ކަމީ ފާހަގަކުރަންޖެހޭ ކަމެއް. ނަމަވެސް ފިސްކަލް ދަރަނީގެ އިތުރުން ބޭރުގެ އެކިއެކި ފަރާތްތަކަށް އަދާ ކުރަންޖެހޭ ދަރަނި ބޮޑުވުމުގެ ސަބަބުން މި ކުރިއެރުންތަކުގެ ފައިދާ ލިބުމަށް ހުރަސްތައް މެދުވެރިވާނެތީ ވަކި ކަމަކަށް އަމާޒުކުރުމެއް ނެތި ކުރާ ޚަރަދުތައް މަދުކުރުމަށާއި އާމްދަނީ އިތުރުކޮށް ދަރަނި ބެލެހެއްޓުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް ސަރުކާރުން އަޅަންޖެހޭ، ގައުމުގެ ކުރިއެރުމަށް އެންމެ މުހިންމު ދާއިރާތައް ކަމުގައިވާ ރައްޔިތުންގެ ކުރިއެރުމާއި، ގުދުރަތީ ނިޒާމާއި އުމްރާނީ ތަރައްގީ ދެމެހެއްޓެނިވިގޮތެއްގައި ލިބިގަނެވޭނީ އޭރުން" ޗޯލްޑް ބޭންކުން ފާހަގަކޮށްފައިވެއެވެ.
ވޯލްޑް ބޭންކާއި ސަރުކާރުން ގުޅިގެން ފެބްރުވަރީ 6 ވަނަ ދުވަހު ނެރުނު، ދިވެހިރާއްޖޭގެ ފުރަތަމަ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓު، "ހިއުމަން ކެޕިޓަލް ރިވިއު ފޯ ދަ މޯލްޑިވްސް" އިން ދައްކާގޮތުން ދިވެހިރާއްޖޭގެ އިންސާނީ ކެޕިޓަލް ހުރީ މި ސަރަހައްދުގެ އެހެން ކުދި ޖަޒީރާ ގައުމުތަކާއި، އާމްދަނީގެ ގޮތުން ވާދަކުރާ ކުދި ގައުމުތަކަށް ވުރެ މަތީގައި ނަމަވެސް ސަރަހައްދީ އަދި މިންތީގެ ނަހަމަކަން އަދިވެސް ރާއްޖޭގައި އެބައޮތެވެ. ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހިފައިވާ އިރު އުފެދިފައި ހުރި ފަރަގުތައް ހަނިކުރުމަކީ އިތުރަށް މާލީ ހޭދަކޮށްގެން ހައްލުކުރެވޭނެ ކަންކަމެއް ނޫންކަމާއި އޭގެ ބަދަލުގައި އިސްކަންދޭ ތަރުތީބަކުން ކުރަން މުހިންމު ހޭދަތައް ތަރުތީބުކޮށްގެން ހޭދަކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތައް ދަނެގަނެ އެފަރާތްތަކަށް އެކަނި ސަބްސިޑީ ދިނުމާއި، ރަށްރަށުން ލިބެން ހުންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަކީ ރާއްޖޭގެ ކުރިއެރުމަށްޓަކައި ކަށަވަރުކުރަންޖެހޭ ކަންކަން ކަމާއި މި މަސައްކަތުގައި ވޯލްޑް ބޭންކް ގްރޫޕްގެ މާލީ އަދި ފަންނީ އެހީ ރާއްޖެއަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް ރެއިސާ ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީ އަށާއި ތިމާވެއްޓަށް ކުރިމަތިވަމުން އަންނަ ނެތިދިޔުމުގެ ނުރައްކާތަކަށް ސަމާލުކަން ދިނުމާއި ބެހޭގޮތުން ވެސް އެބޭފުޅާ ވާހަކަދެއްކެވިއެވެ. މިގޮތުން އިގްތިސާދީ ލޮޅުންތަކާއި މޫސުމީ ގޮތުން ކުރިމަތިވާ ކަންކަން ވަނީ ގުޅިލާމެހިފައި ކަމަށާއި، އިންވެސްޓްކުރާއިރު، ތަރައްގީގެ ބައިވެރިން، ޕްރައިވެޓް ސެކްޓާ އަދި ސަރުކާރުތަކުން އެކުގައި ގުޅިގެން ޓްރިޕަލްޑިވިޑެންޑް ހޯދޭނެ އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތައް ދެނެގަތުމަކީ މުހިންމުކަމެއްކަން ވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.
ވޯލްޑް ބޭންކާއި ދިވެހި ދައުލަތާއި ދެމެދު އޮންނަ ގުޅުމަށް މިހާރުވަނީ 45 އަހަރު ފުރިފައެވެ. ވޯލްޑް ބޭންކުގެ އެހީގައި މިވަގުތު ރާއްޖޭގައި 10 މަޝްރޫއެއް ހިނގަމުން އެބަދެއެވެ. އޭގެތެރޭގައި ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) ގެ އެހީގައި ހިންގާ ޕްރޮޖެކްޓާއި ރީޖަނަލް އެއް ޕްރޮޖެކްޓް، އަދި އައި.ޑީ.އޭ ގެ ގެރެންޓީ އޮޕަރޭޝަންއެއް ހިމެނެއެވެ. މި ޕްރޮޖެކްޓުތަކުގެ ޖުމުލަ އަގަކީ 217 މިލިޔަން ޑޮލަރެވެ.
މި ޕްރޮޖެކްޓުތައް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ، ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތް، ޔޫތް ރެސިލިއެންސް އަދި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުން، ޑިޖިޓަލް ޑިވެލޮޕްމަންޓް، އާބަން ޑިވެލޮޕްމަންޓް، ކުނި މެނޭޖްކުރުން، ކޮވިޑް 19 ގެ އިޖާބީ މަސައްކަތްތައް، މަސްވެރިކަން، މަސައްކަތްތެރިން، ސިއްހީ ނިޒާމު، ތައުލީމީ ނިޒާމުގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ ހިމެނެއެވެ. އަދި މެކްރޯ ފިސްކަލް މޮނިޓަރިން އާއި ޕޮލިސީ އެނަލައިޒް ކުރުން، މާލީ ދާއިރާ އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ އާއި ފަގީރުކަން ނައްތާލުމުގެ މަސައްކަތަކަށް ވެސް އެނަލަޓިކަލް ސަޕޯޓު ވޯލްޑް ބޭންކުން ދެއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް