މަޑަވެލީގެ ތަރައްޤީއަށް މަޝްރޫޢުތައް ކުރިއަށްގެންދާނީ ރައްޔިތުންނާ މަޝްވަރާކޮށްގެން: ނައިބު ރައީސް

ގދ.މަޑަވެލީގެ ތަރައްޤީއަށް މުހިންމު ޕްލޭންތަކެއް އެބަހުރިކަމަށާއި އެކަންކަން ކުރިއަށްގެންދަވާނީ މަޑަވެލީ ރައްޔިތުންނާ މަޝްވަރާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައް...

06 Feb 2024 | 13:21

ގދ.މަޑަވެލީގެ ތަރައްޤީއަށް މުހިންމު ޕްލޭންތަކެއް އެބަހުރިކަމަށާއި އެކަންކަން ކުރިއަށްގެންދަވާނީ މަޑަވެލީ ރައްޔިތުންނާ މަޝްވަރާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި މަޑަވެލީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން އަދި އެމަނިކުފާނުވެސް ބޭނުންފުޅު ވަނީ ރައްޔިތުންނަށް ދަތިވާ މުހިންމު ކަންކަން ޙައްލުކޮށްދެއްވުން ކަމަށެވެ. އަދި ގދ. މަޑަވެލީގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވެސް މުހިންމު ޕްލޭންތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށްގެންދަވާނީ ރަށުގެ ރައްޔިތުންނާ މަޝްވަރާ ކޮށްގެންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ގދ. މަޑަވެލި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ދަތިކަމުގެ ސަބަބުން ހުރި ގޮންޖެހުންތަކާއި، ބަނދަރުގެ ޖާގަ ދަތިވުމުގެ ސަބަބުން ރަށުގެ މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނުނިމި ހުރުމާއި، މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ސްކޫލުގައި އެކަށީގެންވާ ވަރަށް ކުލާސްރޫމްތައް ނެތުމާއި، ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުނުކުރެވޭތީ ކުރިމަތިވާ ދަތިތައްވެސް ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

އެކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންތައްތަކަކީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ކަމަށާއި، އެކަންކަމާ ގުޅޭ ގޮތުން ކަމާގުޅޭ ވުޒާރާ އަދި އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް