ރައްކާ ފަހިރާސްތާ ޕްރޮގްރާމް ތިނަދޫސިޓީގައި ފަށައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އެކްސިޑެންޓުތައް މަދުކުރުމަށް ރައްޔިތުންނާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ރައްކާ ފަހިރާސްތާ ޕްރޮގްރާމް ތިނަދޫސިޓީގައި ފަށައިފިއެވެ. މި ޕްރޮގްރާ...

06 Feb 2024 | 11:45

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އެކްސިޑެންޓުތައް މަދުކުރުމަށް ރައްޔިތުންނާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ރައްކާ ފަހިރާސްތާ ޕްރޮގްރާމް ތިނަދޫސިޓީގައި ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން އިންސްޕެކްޓަރ އޮފް ޕޮލިސް ތަލްހަތު އަހްމަދުއެވެ.

ޕްރޮގްރާމް ފައްޓަވައިދެއްވައި ތަލްހަތު އަހްމަދު ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމާއި ރައްޔިތުން ގުޅިގެން ކުރެވޭ މިކަހަލަ މަސައްކަތްތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ބާރެއްކަން ފާހަގަކުރެއްވިއެވެ. އަދި މަގުމައްޗަކީ އެންމެނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

ފުލުހުން ބުނީ ފަހިރާސްތާ ޕްރޮގްރާމުގައި، ދުވެއްޔަށް ހާއްސަކޮށްގެން ސްޕީޑްގަން ބޭނުންކޮށްގެން ކޮންމެ ދުވަހަކު ކުރިއަށް ގެންދާ އެވެއާނަސް ޕްރޮގުރާމުގައި، ޓްރެފިކާ ގުޅުންހުރި މައުލޫމާތު ހިމެނޭ ލީފްލެޓް އާންމު ރައްޔިތުންނަށް ހަދިޔާކުރުމާއި އެއްގަމު އުޅަނދު ދުއްވާއިރު ހަމަކުރަންޖެހޭ ސްޓިކާތައް އުޅަނދުގައި ހަމަތޯ ބެލުމާއި ހާއްސަކޮށް ތުއްތު ކުދިން ގޮވައިގެން އުޅަނދު ދުއްވާއިރު ހާނަސް އެޅުމާއި ޝީޓް ބެލްޓުއެޅުމުގެ ބޭނުންތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން އޯވަރސްޕީޑް ކުރުމުގެ ނުރައްކާތެރިކަން ބުނެދީ ގޯޅި އަޅާއިރު އުޅަނދުގެ ސްޕީޑު މަޑުނުކޮށް ދުއްވާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން މޮނީޓަރކޮށް އެގޮތަށް އެކަން ނުކުރުމަށް ނަސޭހަތްތެރިވުމާއި، އެއްގަމު އުޅަނދު ދުއްވާއިރު، ސްޕީޑް ގަން ބޭނުންކޮށްގެން ބަލައި އޯވަރ ސްޕީޑްވާ މީހުންނަށް ހުއްޓުވައި ނަސޭހަތްތެރިވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ސްކޫލު ސަރަހައްދުގެ ޓްރެފިކް ބަލަހައްޓާނެ ގޮތާއި އާންމުކޮށް މީހުން އެއްވާ ތަންތާގައި ވެހިކަލް ޕާކު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ތިނަދޫ ސިޓީ ޕޮލިހާއި ސައުތު ޕޮލިސް ރީޖަން ގުޅިގެން ކުރިއަށް ގެންދާ ފަހިފަރާސްތާ ޕްރޮގްރާމްގެ ދަށުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް ވެސް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ފުލުހުން ބުނީ ތިނަދޫ ސްކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޓްރެފިކް މޮނީޓާސް ތަމްރީނު ޕްރޮގްރާމް ވެސް ފަށައިގެން ކުރިއަށްދާ ކަމަށާއި މި ޕްރޮގްރާމްގައި ތިނަދޫ ސްކޫލުގެ 36 ދަރިވަރުން ބައިވެރިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް