ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުން އަލުން މަޤާމަށް އައްޔަންކުރެއްވި ތިން ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި ނެގި ވޯޓުން ރުހުން ނުލިބުނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްއާއި، ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަހުމަދާއި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދަށެވެ.
މަޖިލީހުގައި ނެގި ވޯޓުގައި އެޓާނީ ޖެނެރަލް ކަމަށް އަހުމަދު އުޝާމް އަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. އަދި ރުހުން ދިނުމަށް ނުފެންނަ ކަމަށް 44 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ހައުސިންގ މިނިސްޓަރު ކަމަށް ޑރ ހައިދަރަށް ރުހުން ދިނުމަށް ވޯޓު ދެއްވާފައިވަނީ 24 މެމްބަރުންނެވެ. 46 މެމްބަރުންނަށް ވޯޓު ދެއްވީ ރުހުން ނުދިނުމަށެވެ. އަދި އިސްލާމިކް މިނިސްޓަރު ކަމަށް ޑރ ޝަހީމް އަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 31 މެމްބަރުންނެވެ.
މަޖިލީހުގެ ރުހުން ނުލިބުނު ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ ހަމަ އެ މަގާމުތަކަށް އެ ތިން ވަޒީރުން އައްޔަންކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ އެ ތިން ވަޒީރުންނަށް ރުހުން ހޯދުމަށް ރައީސް އޮފީހުން މިއަދު މަޖިލީހަށް ހުށަހަޅާފައިވާކަމަށާއި އެކަމާމެދު އަމަލުކުރާނެ ވަކި ގޮތެއް މަޖިލީހުން އަދި ނުނިންމާ ކަމަށެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް މަޖިލީހުން ފާސްކޮށްފައިވަނީ އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ އަޣުލަބިއްޔަތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް