ނިމިދިޔަ ސަރުކާރުން މަޝްރޫޢުތައް ހިންގާފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި: މަޑިފުށީ ކައުންސިލް

ނިމިދިޔަ ސަރުކާރުން މަޝްރޫޢުތައް ހިންގާފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށް މަޑިފުށީ ކައުންސިލުން ބުނެފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ ކޮޅުމަޑުލު މަޑިފުށި ކައުންސިލާއ...

06 Feb 2024 | 09:38

ނިމިދިޔަ ސަރުކާރުން މަޝްރޫޢުތައް ހިންގާފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށް މަޑިފުށީ ކައުންސިލުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ ކޮޅުމަޑުލު މަޑިފުށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ މިއަދު ހެނދުނު ބައްދަލުކުރައްވާފައެވެ.

ގުރައިދޫ ކައުންސިލްގެ އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި މަޑިފުށީ ކައުންސިލުން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ، ނިމިދިޔަ ސަރުކާރުގެ އެއްވެސް މަޝްރޫޢެއް ނިންމާފައި ނުވުމާއި، މަޝްރޫޢުތަކުގެ ފެންވަރުދަށްކަމާއި، އެއްވެސް ރޭވުންތެރިކަމެއްނެތި ކަންކަން ފަށާފައިވުމެވެ. އެހެންކަމުން އެ މަޝްރޫޢުތައް ވީ އެންމެ އަވަހަކަށް ކުރިއަށްގެންދަވައި އެކަންކަން ފުރިހަމަކޮށްދެއްވުމަށް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ރަށުގެ ތަރައްޤީއާ އަތޮޅުގެ އެއާޕޯޓުތައް ގުޅިފައިވާކަން މަޑިފުށި ކައުންސިލުން ފާހަގަކުރިއެވެ. އަދި ހުއްޓިފައި ހުރި ފެނަކައިގެ މަޝްރޫޢުތައް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށާއި، ރަށުގެ ނަރުދަމާގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، އެކަންކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަކުރިއެވެ. ހަމަ އެއާއެކު ކައުންސިލުގެ އިހުތިސާސަށް ގެންނަން ބޭނުންވާ ބައެއް ރަށްތައް ހުރިކަމަށާއި، އެކަމުން ރަށަށް ކުރާނެ ފައިދާތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުންވެސް ރިވެޓްމަންޓް މަޝްރޫޢު އަވަހަށް ކުރިއަށްގެންދަން ބޭނުންވާކަމަށާއި، އަދިވެސް ރަށުގެ ތަރައްޤީއަށްޓަކައި މުސްތަގުބަލުގައި ރަށަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރިއެވެ. އެގޮތުން ރަށުގައި ކޯޒްވޭ ހެދުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ތ. މަޑިފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ފާހަގަކުރި ކަންކަމުގެ ތެރޭގައި ޞިއްޙީ މަރުކަޒުން ލިބޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ ގޮތުން ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް