"ތިޔެއްނޫނޭ.... ހުމޭ ވިހޭއިރު ނާޝިދު ނެތިންދޯ.... އެގަޑީގައި ކަރަންޓް ގޮއްސައޮތީ... ހަމަ ކަރަންޓް ދިޔަވަގުތު ހުމޭ ވިހެއީ... ކަރަންޓް ނެތަސް ހުމޭ ވިހޭއިރު މުޅިތަނަށް ފާޑެއްގެ އަތްޔެއް ވެގެންދިޔަ.... ހީވީ ވިދާލިހެން..." ނާޝިދުއާ ދިމާއަށް ބަލަންއޮވެ ހުމޭދާ ބުނެލިއެވެ.
"އާނ... އޭރު ވަރަށް ވިއްސާރަކޮށް އޮތީ.... ކޮންމެސްވަރަކަށް ވިދިވެސްމެ.... ވިދުވަރުގެ އަލިކަންނޭނގެ އެއީ.... މިސޮރު ހާދަ ދޮނޭދޯ... ހަމަ ނާޝިދުހެން ހީވަނީ.... ހަމަ ނާޝިދުގެ ކަންފަތް މިއީ...." ބޭބީގެ ކަންފަތުގައި އަތްޖައްސާލަމުން ނާޝިދު ބުނެލިއެވެ.
"އަސްލުވެސް، މި ސޮރު ވައްތަރީ ނާޝިދުއާ ހަމަ... އިނގިލިތައްވެސް ބަލާބަލަ...." ނާޝިދުގެ އަތުގައި ހިފަހައްޓާލައިގެން އޮވެ ބޭބީއަށް ބަލާލަމުން ހުމޭދާ ވާހަކަ ދެއްކިއެވެ.
"އެކަމަކު ހުމޭގެ ތި ލޯބިލޯބި ތުންފަތް މިސޮރަށް ލިބިފަ މިއޮތީ...." ހުމޭދާގެ ތުންފަތުގައި ނާޝިދު އިނގިލި ޖައްސާލިއެވެ.
"އައްދެ ހާދަ ލޯބިން...." އެވަގުތު ހޮސްޕިޓަލަށް އައިސްވަން ޢާއިޝާ ދިމާކޮށްލިއެވެ.
"މަޖަލަކަށްވިޔަސް، ސަމާސާއަކަށްވިޔަސް މިފަހަރު ތިބުނީ ރަނގަޅަށް.... މިހާރު މިއުޅޭނީ ކުރިންވީ ލޯތްބަށްވުރެ ދެގުނައަށް ލޯބި އަރައިގަނެގެންނޭދޯ.... ހުމޭދާގެ ކޮލުގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.
"އަދި ދޯ ތިއާދެވުނީ.... އާދޭ މިތާ އިށީންނަން...." އެނދުގައި އަތްޖައްސާލަމުން ހުމޭދާ ބުނެލިއެވެ.
"އަދި ލަހެއްނުވެއެއްނު... މިއަދު ތިވިހެއީ.... މިއަދު ޢާއިޝާ މިހިރީ އައިހެއްނު..." އެނދުގައި އިށީންނަމުން ޢާއިޝާ ބުނެލިއެވެ.
"އެއީ މަޖަލަކަށޭ... މަންމަމެން ކޮބާ...؟" ހުމޭދާ ސުވާލު ކޮށްލިއެވެ.
"މަންމަމެންވެސް މިކޮޅަށް އަންނަން އެބަ ރެޑީވޭ... ބުނި މިރޭ ހޮސްޕިޓަލުގަ ހޭލާ ހުންނާނީވެސް މަންމައޭ.... ޢާއިޝާ މިއައި އިރު ހޮސްޕިޓަލަށް ގެންނާށޭ ކިޔާފަ ކޮންމެސް އެއްޗެއް ކައްކަން އެބައުޅޭ...." ބޭބީއާ ދިމާއަށް ހިނގައިގަންނަމުން ޢާއިޝާ ވާހަކަ ދެއްކިއެވެ.
"އަނެއްކާ އަނެއްކަންތައް... މިއެންމެންވެސް އަބަދު އުޅޭނީ މަށަށް އެއްޗެއް ކާން ނުދެވިގެން... ކިހިނެތް އެވަރަށް ކާނީ... މިހާރުވެސް މިއޮތީ މަހުރިގޮތް... ކުރިންލީ އެއްވެސް ހެދުމެއްވެސް މިހާރަކު ނުލެވެ..." ޢާއިޝާ އާ ދިމާއަށް ބަލަންއޮވެ ހުމޭދާ ވާހަކަ ދެއްކިއެވެ.
"މާޝާ ﷲ... ބޭބީ ހާދަލޯތްބޭ... ހަމަ ނާޝިދުހެން ހީވަނީ... މީހުން ބުނާތީ އަޑުއަހަން ގާރލް ކުދިން ބައްޕައާ ވައްޔަރު ވެއްޖިއްޔާ ވަރަށް ނަޞީބު ގަދަވާނެއޭ... އެހެންވީމަ އިރާދަކުރެއްވިއްޔާ މި މަންޖެ ވަރަށް ނަޞީބު ގަދަވާނެ...." ބޭބީ އުރާލަމުން ޢާއިޝާ ވާހަކަ ދެއްކިއެވެ.
"ދެން ތިބުނީ ހުމޭގެ އެއްވެސް ސިފައެއް ބޭބީގެ ނެތޭދޯ...." ކުޑަކޮށް ހިނިތުންވެލުމަށް ހުމޭދާ ބުނެލިއެވެ.
"ނޫނޭ ތިހެއްނެއްނޫން... އެކަމަކު ދެން ދުވަސްކޮޅަކުން މާމަ ކާފަ ކިޔާފާނެ އިނގެ.... އަންހެން ކުދިން ވަރަށް އަވަހަށް މެރީ ކުރަން ބޭނުންވާނެ..." ޢާއިޝާ ހީނލާފައި ސަމާސާ ރާގަކަށް ވާހަކަ ދެއްކިއެވެ.
"ސާބަސް އަދި ވިހައިގެން މިއޮތީ ހޮސްޕިޓަލުގައޭ.... މިހާރު އެހާ އަވަހަށް އެމަންޖެ މީހަކާ ކައިވެނި ކުރުވަންދޯ ތިއުޅެނޭ... ޢާއިޝާ ތިހުންނަނީނު އަވަހަށް މާމަ ކިޔާފާނެތީ މީހަކާވެސް ނީންނަން...." ޢާއިޝާ އާ ދިމާއަށް ބަލާލުމަށްފަހު ސަމާސާ ރާގަކަށް ހުމޭދާ ވާހަކަ ދެއްކިއެވެ.
"ލާމިހް އަންނަންދެން ދޯ...." ޢާއިޝާއާ ދިމާއަށް ފާޑަކަށް ބަލާލުމަށްފަހު ނާޝިދު ހީނލާފައި ބުނެލިއެވެ.
"އައްދެ، ޢާއިޝާ މިހާރު އެއްވެސް މީހަކަށް އިންތިޒާރު ކުރާކަށް ބޭނުމެއްނޫން... ދެން ތިކަހަލަ ކަމަކާ ވިސްނާނީވެސް ކިޔަވާ ނިމުނީމަ...." ބޭބީ އެނދުގައި ބޭއްވުމަށްފަހު އައިސް ހުމޭދާގާތުގައި އިށީންނަމުން ޢާއިޝާ ބުނެލިއެވެ.
"ހިނގާބަލަ އެއްޗެއް ކާލަން... ހުންނާނެ ދޮންކެޔޮލާއި، އޮރެންޖާ އާފަލާ އެއްޗިހި..." ޢާއިޝާ އާ ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"ބަލަ ވިހައިގެން އުޅެނީ މަށެއްނޫނޭ.... ހުމޭގެ މޫނުމަތިން ވަރަށް ބަލިފާޑު ޖަހަނީ.... އަނެއްކާ ބަލީތަ...؟ ނޫނީ ކަމެއް ގޯސްވީތަ...؟" ހުމޭދާ އާ ދިމާއަށް ބަލަންއިނދެ ޢާއިޝާ ވާހަކަ ދެއްކިއެވެ.
އާނ... ޑޮކްޓަރ ބުނި ވަރަށް ބޮޑަށް ލޭ ދަށްވެފަޔޯ ހުރީ... ވެދާނެ ފަހަރެއްގަ މާބޮޑަށް ބްލީޑްވީމަ ކަމަށްވެސް... ހުމޭދާއާ ދިމާއަށް ބަލަން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.
"އާނ... ވެދާނެ...! ބޭހެއް ނުދޭތަ...؟ ބޭސް ކެއިމަ އިރާދަކުރެއްވިއްޔާ މަޑުމަޑުން ލޭ ހަމައަކަށް އެޅިދާނެ...." ހުމޭދާގެ ބޮލުގައި ފިރުމާލަމުން ޢާއިޝާ ބުނެލިއެވެ.
"އެބަހުރި ބައިވަރުބޭސް ދީފަ... އެކަމަކު ނާޝިދަށް ހީވަނީ ބޭހަށްވުރެ ރަނގަޅު ކާނާ ކެއީމަ ހަށިގަނޑަށް މާ ފައިދާކޮށްފަ ލޭގެ ކަންކަންވެސް މާ އަވަހަށް ހަމައަކަށް އެޅޭނެހެން... އެކަމަކު ނާޝިދު ބުނާވަރަކަށް ހުމޭއަކަށް ކާކަށް ނުކެރޭވިއްޔަ.... ފަލަވެދާނެތީ...! ބޯހަރު މަންޖެއެއްމީ...." ހުމޭދާގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ނާޝިދު ބުނެލިއެވެ.
"އާނ... އެވަރަށް ކާންވެއްޖިއްޔާ ކައިފަ އެހެން ކަމެއްކުރާނެ ވަގުތެއް ނޯންނާނެއެއްނު... އޭރުން އަހަރެން ހީވާނީ ބޮޑު ފީފާ ބުރިއެއް ހެއްނެއްނު... އެވާހަކަ ދެއްމެވެސް ހުމޭ މިދެއްކީ...." ހީނލާފާ ހުމޭ ބުނެލިއެވެ.
"ނާޝިދު ލޯބިންނޭ ހުމޭއަށް ކާންދޭން އެއުޅެނީ.... ކިހާރަނގަޅުތަ...." މަށަށްވެސް ނާޝިދު ކަހަލަ މީހަކު ލިބޭނެނަމަ ހަމަ ވަގުތުން އިނދެލާނަން...." ހީނލާފައި ޢާއިޝާ ބުނެލިއެވެ.
"މި ކަހަލަ ފިރިހެއް ލިބިއްޖިއްޔާ ވަރަށް އުނދަގޫވާނެ... އަބަދު ކޮންމެސް އެއްޗެއް ކާންދޭން އުޅޭނީ...." ހުމޭދާވެސް ހީނލާފައި ބުނެލިއެވެ.
"ކީކޭ ތިބުނީ....؟ ނާޝިދު ކަހަލަ ފިރިއެކޭ....؟" ނާޝިދު ޢާއިޝާ އާ ދިމާއަށް ބަލަން އިނދެ ސުވާލު ކޮށްލިއެވެ.
"ހޫނ... ހަމަ ނާޝިދު ކަހަލަ ތިހާ ރަނގަޅު، އޯގާތެރި، އަޅާލާ ފިރިއެއް...." އޭރުން ހަމަ ވަގުތުން މެރީ ކުރަންވީ.... ލަހެއްވެސް ނުކުރާނަން...." ޢާއިޝާ ހިނލާފާ މަޖާރާގަކަށް ބުނެލިއެވެ.
"ލާމިޙް އެހެރީނު.... އެއީ ނާޝިދު ކަހަލަ މީހެކޭ.... އޭނައާ މެރީ ކުރަން އުޅެބަލަ...." ނާޝިދުވެސް ހެމުންހެމުން ބުނެލިއެވެ.
"އޭނައާ މެރީ ކުރަން އުޅުނީމެއްނު.... އެކަމަކު ހަމަ ރާއިދުހެން އޭނަވެސް އެދިޔައީނު... ދެން ނޫޅެން... މިހެން ބުންޏަސް ދެން އަހަރެން މެރީ ކުރާނީ ކިޔަވާ ނިމިގެން... އޭގެ ކުރިން އިތުރު ކަމަކަށް ވިސްނާވެސް ނުލާނަން..." ޢާއިޝާ ވެސް ސަމާސާ ރާގަކަށް ބުނެލިއެވެ.
"އަދި ލާމިހު އަންނާނެއޭ.... އޭނަ ދަމުންވެސް ބުންޏެއްނު އެހެން... އޭރުން ނާޝިދު ކަހަލަ މީހަކު އެ ލިބުނީނުދޯ..." ހުމޭދާއާ ދިމާއަށް ބަލާލަމުން ނާޝިދު ބުނެލިއެވެ.
"ދެން ނޫޅެން... މިހާރު ޢާއިޝާ ބޭނުމީ ކިޔެވުން ފުރިހަމަ ކުރަން.... ދެންދަނީ އިނގޭ... މާދަން އަދި އަންނާނަން... " ޢާއިޝާ ހިނގައިގަންނަމުން ބުނެލިއެވެ.
"މިރޭ ޑޮކްޓަރ އަންނާނެ... އައިސްފަ ގެއަށް ފޮނުވާލާނެހެން ހީވަނީ..." ނާޝިދު ބުނެލިއެވެ.
ތިންދުވަސް ފަހެވެ. މިރޭ ހުމޭދާ ހުންއައިސްގެން އުޅޭތީ ނާޝިދު އިނީ ބޭބީ ގޮވައިގެން ހުމޭދާ ގާތުގައި އެނދުގައި އިށީނދެއެވެ.
"އަދިވެސް ވަރަށް ބޮޑަށް ހީކަރުވާތަ...؟ އައްދެ ހުންވެސް ވަރަށް ގަދަ....! ހުމޭ... ހުމޭ... ނިދިއަންނަނީތަ...؟" ހުމޭދާ ދެލޯ މަރައިލަގެން ކުކުރާލަ ކުކުރާލަ އޮތީމަ ނާޝިދު ކަންބޮޑުވެގެން ސުވާލު ކޮށްލިއެވެ.
"ވަރަށް ބޮޑަށް ނިދިއާދޭ... ހުންވެސް އެހާގަދަ... ކިހިނެތްތަ ހުމޭއަށް މިވަނީ...." ހުމޭދާ ބަލިއަޑަކުން ބުނެލިއެވެ.
"ހުމޭ ބަލިވެއުޅޭކަން މަންމަމެންނަށް ނާންގައްޗޭ... މަންމަމެންނަށް އެކަން އެނގިއްޖިއްޔާ ވަރަށް ދެރަވާނެ... އިރާދަކުރެއްވިއްޔާ ތިހުރިހާ ކަމެއް ވަރަށް އަވަހަށް ރަނގަޅުވާނެ... ނާޝިދު ތިކަމާ އުޅޭނަން...." ބޭބީ ގެންގޮސް އެނދުގައި ބާއްވަމުން ނާޝިދު ބުނެލިއެވެ.
ނުނިމޭ.. ވާހަކައިގެ އާ ބައެއް، 08 ފެބްރުއަރީ 2024، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް