ޝަރީޢަތްތައް ލަސްވަނީ ކޯޓުތަކުގެ ޖާގައިގެ ދަތިކަމުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތް ބޭއްވޭނެ ދުވަހެއް ނޭނގި ދިގުލައިގެންދާ މައްސަލައިގެ އެއް ސަބަބު ގުޅިފައިވަނީ ޝަރުޢީ ކޯޓުތައް ހިނގާ ސްޕީޑާއި ކަމަށާއި، ޝަރީޢަތުގެ ސްޕީޑު ގުޅިފައި އޮތީ ކޯޓުތަކުގެ ޖާގައިގެ މައްސަލައާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތްތައް ނުހިނގައި ދިގުލައިގެންދާ މައްސަލަ ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާތީ، އެކަމަށް އެ އޮފީހުން މަރުޙަބާ ދަންނަވާކަމަށެވެ.
ސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، އެކަމުގެ ޢަމަލީ މަސައްކަތްތައް އަވަހަށް ފެށޭނެކަމަށް އުންމީދުކުރާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތްތައް ނުބޭއްވި ދިގުލައިގެންދާ މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލް އަބަދުވެސް ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ޕީޖީ އޮފީހުން ބުނީ 2019 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތަށް މި މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޝަރީޢަތް ނިމެންދެން ބަންދުކުރާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރާ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ލިޔެ، ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖަޢާކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަންޖެހޭ ޙާލަތު ބަދަލުވޭތޯ ގަވާއިދުން ބަލައި މުރާޖަޢާކުރަމުން އަންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ މައްސަލައަށް ޤާނޫނީ ޙައްލެއް ހޯއްދެވުމަށްޓަކައި، ޤާނޫނަށް ގެންނަވަން ޤަޞްދުކުރައްވާ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުގެ މި ދަޢުރުގައި ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައިވާތީ، އެކަމުގައާއި ސަރުކާރުގެ ކަމާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގައި، ޤާނޫނީ ހަމަތަކުގެ މަތިން ޕީޖީ އޮފީހުން ދޭންޖެހޭ އެންމެހައި އެއްބާރުލުމާއި އެހީތެރިކަން، ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އެންމެހައި އިދާރާތަކާ ގުޅިގެން ދެމުންގެންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މި މައްސަލައަށް ޤާނޫނީ ޙައްލެއް ހޯދުމަށް ބޭނުންވާ ބައެއް ބަދަލުތަކުގެ ތަޞައްވުރެއް އެ އޮފީހުން މިހާރުވެސް ގެންގުޅޭ ކަމަށް ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ ސިޔާސަތަކީ، ޖިނާއީ ކުށުގެ ޢަމަލުތަކުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި، މުޖްތަމަޢުގެ އަމަންމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް، ކުށްކުރުން މަދުކުރުމަށް ދޭ އިސްކަމާއެކު، ކުށްވެރިންނަށް ރަނގަޅު މަގު ދައްކައިދީ، އިސްލާޙުވުމުގެ ފުރުޞަތު ޤާނޫނު ތަންދޭ އެންމެ ފުޅާމިނެއްގައި ފަހިކޮށްދިނުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް