ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކޮޅުމަޑުލު ގުރައިދޫ އެއަރޕޯޓުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ...

06 Feb 2024 | 07:11

ކޮޅުމަޑުލު ގުރައިދޫ އެއަރޕޯޓުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅަން ލިބުނު މަދު ވަގުތުކޮޅުގެ ތެރޭގައި، ބަޖެޓުގައި ހިމެނެންހުރި ގިނަ ކަންތައްތައް ހިމަނާފައިވާނެކަމުގައެވެ. އަދި ގުރައިދޫގެ އެއަރޕޯޓްގެ މަސައްކަތަކީ އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްކަން ފާހަގަކުރައްވައި، އެމަސައްކަތް ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއަރޕޯޓުގެ އިތުރުން ރަށުގެ ތަރައްޤީއަށް ބޭނުންވާ އަދި ރައްޔިތުން ހުށަހަޅާފައިވާ އެކިއެކި ކަންކަންވެސް ވަޢުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތްގޮތުން، އެކަންކަމުގެ ލިސްޓު، އެންމެ އިސްކަންދޭ ކަންކަން ކުރިއަށް ހިމެނޭގޮތަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ތަރުތީބުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޙަޤީޤީ މާނައިގައި ދެމެހެއްޓެނިވި ތަރައްޤީ ރައްޔިތުންނަށް ގެނެސްދެއްވުން ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި 3 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް