ގޯއްޗާއި ފްލެޓް ދިނުމުގައި ފަސްޓް ލޭޑީ ލިސްޓެއް ގެންގުޅުއްވާ ކަމުގެ ވާހަކަ ރައީސް ދޮގުކުރައްވައިފި

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ފެއްޓެވި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ލިސްޓެއ...

06 Feb 2024 | 06:02

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ފެއްޓެވި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ލިސްޓެއް ގެންގުޅުއްވާކަމުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދޮގުކުރައްވައިފިއެވެ.

ސަރުކާރުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގައި ހުޅުމާލެ ފްލެޓް 104 އަށް ނިސްބަތްވާ ފާތިމަތު އާދަމް ވަނީ ސަރުކާރުން ފްލެޓް ބަހާ ގޮތާއިމެދު ފެތުރޭ ބައެއް ވާހަކަތަކުގެ ހަގީގަތް ހޯދުމަށް އެދި ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގޯއްޗާއި ފްލެޓް ލިބޭނެ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ދައްކަމުން އަންނަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ހިމެނޭ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ދޮގު ވާހަކަތަކެއް ފަތުރައިގެން ސަރުކާރާމެދު ފިތުނަ އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.

"ދޭން ބޭނުންވާ ޔަގީން ކަމަކީ އަޅުގަނޑު، އަދި އަޅުގެނޑުގެ އަންހެނުން ވިޔަސް، އަޅުގަނޑުގެ ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ އެއްވެސް މަޤާމެއްގައި ހުރި މީހެއް ވިޔަސް، އަދި އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެން، މި ސަރުކާރުން އެއްވެސް ރައްޔިތެއްގެ ހައްޤަކަށް ނާރާނެ."

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެފަދައިން ރައްޔިތެއްގެ ހައްޤަކަށް އަރައިގަތުމުގެ ޖާގައެއްވެސް އެމަނިކުފާނު ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ހިންގާ މީހެއްގެ މައުލޫމާތު ލިބިއްޖެނަމަ އެމަނިކުފާނު އިސްވެ އެކަމަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފްލެޓް ލިސްޓް، ގޯތި ލިސްޓް އަދި އެހެން ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ވިޔަސް އެކަން ކުރިއަށްދާނީ އިންސާފްވެރިކަމާއި ހަމަހަމަކަމާއެކީގައި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4,000 ފްލެޓް ލިބޭ މީހުންގެ ލިސްޓާއި ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގަށްފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ބުނީ ތަހުގީގުގައި 4,048 ފޯމު ބަލާފައިވާކަމަށާއި އޭގެ ތެރެއިން %59.6 ފޯމު ޝަރުތުހަމަނުވާކަމަށެވެ. އަދި އެއްވެސް މައްސަލައެއް ނެތި ޝަރުތު ހަމަވެފައިވަނީ %20.7 ފޯމު ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ޝަރުތު ހަމަވިނަމަވެސް މައްސަލަތައް ހުރި ފޯމުތަކުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ފޯމުގައި ދީފައިވާ މައުލޫމާތު ފުށުއެރުމާއި، ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުންތައް ހުށަހެޅުމާއި، ޕޮއިންޓް ދިނުމުގައި މައްސަލަތައް ހުރުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ޚިލާފަށް ޕޮއިންޓްދިނުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ފަސޭހައިން ހޯދެން ހުރި މައުލޫމާތުވެސް ނުހޯދައި ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވުނު ކަމަށްވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ފްލެޓް ލިބިފައިވާ މީހުންނާއި ދޭތެރޭ ހަދާނެ ގޮތެއް ނިންމާނީ ހައުސިންގ މިނިސްޓްރީން ކަމަށާއި، އެއީ އޭސީސީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގައި 3 ކޮޓަރީގެ 2,712 އެޕާޓްމަންޓާއި 2 ކޮޓަރީގެ 1,188 އެޕާޓްމަންޓް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް