މިއަދުގެ އިހްތިޖާޖު ކޮންޓްރޯލު ކުރުމުގައި ނޫސްވެރިންނަށް އަނިޔާ ދިނުމުގެ ނިޔަތުގައި ފުލުހުން މަސައްކަތް ނުކުރާ ކަމުގައި ފުލުހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވި ވަގުތާއި ދިމާކޮށް އިދިކޮޅު ކޯލީޝަނުން ކުރިއަށްގެންދިޔަ އިހްތިޖާޖުގައި ދެ ނޫސްވެރިޔަކަށް އަނިޔާވެފައިވާއިރު އެއް ނޫސްވެރިޔަކު މިހާރު ވަނީ އިތުރު ފަރުވާއަށް ބޭރަށް ފުރުވާލާފައެވެ.
ފުލުހުންގެ ތަރުޖަމާނު ދެންމެ ވިދާޅުވީ މިކަމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުބެލެވޭކަމަށެވެ. އަދި ފުލުހުން މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަން ފާހަގަ ކުރާކަމަށެވެ.
"މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ އެއްވުމެއްގައި ދެ ނޫސްވެރިއަކަށް އަނިޔާވެފައި ވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ ކަމެކެވެ." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާގައި ކަންހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓަންޑަރޑްސް ކޮމާންޑުން ގެންދަނީ ކުރަމުން ކަމަށެވެ.
އިދިކޮޅު ކޯލީޝަނުން ބުނެފައިވާގޮތުގައި މުޒާހަރާގެ ތެރެއިން އަނިޔާވި ޗެނަލް 13ގެ ނޫސްވެރިޔާ ހަސަން ޝަހީދުގެ ސިކުނޑި އާއި މައިބަދަ އަށް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އެހެންވެ، ވަގުތުން ލަންކާ އަށް ފުރުވާލުމުގެ މަސައްކަތް އާއިލާ އިން ފަށާފައިވާ ކަމަށް އެ ކޯލީޝަނުން ބުނެއެވެ.
މިއަދުގެ މުޒާހަރާއިން އެ ޗެނަލްގެ ދެ ނޫސްވެރިއަކަށް އަނިޔާވި އެވެ.
ޕީޕީއެމުން ބުނީ، ދެ ނޫސްވެރިންގެ އިތުރުން އާންމުންގެ ހަތް މީހަކަށް ވެސް އަނިޔާވެ ހޮސްޕިޓަލުން ފަރުވާ ދޭން ޖެހުނު ކަމަށެވެ. އަދި 11 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް