ސްޓޫޑެންޓް ލޯން ނަގާފައިވާ ދަރިވަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދޭނަން: ރައީސް

ސްޓޫޑެންޓް ލޯނު ނަގައިގެން މަތީ ތަޢުލީމު ހާސިލު ކޮށްފައިވާ ދަރިވަރުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެފަދަ ދަރިވަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމ...

06 Feb 2023 | 09:35

ސްޓޫޑެންޓް ލޯނު ނަގައިގެން މަތީ ތަޢުލީމު ހާސިލު ކޮށްފައިވާ ދަރިވަރުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެފަދަ ދަރިވަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

އެގޮތުން ރައީސް ޞާލިޙް ވިދާޅުވީ މިހާތަނަށް 1986 ދަރިވަރުންނަށް ސްޓޫޑަންޓް ލޯނުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

ސްޓޫޑެންޓް ލޯންގެ ފުރުސަތަށް އެދޭ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން ދޭ ލޯނުގެ އަދަދުވެސް އިތުރުކޮށްފައިވާ ކަމަށެވެ.

މިގޮތުން އެ ލޯންތަކުގެ ތަކުލީފު ކުޑަ ކުރުމަށް ޓަކައި ލޯނަށް ބަދަލުތައް ގެނެސް، ކުރިން ފަސް ޕަސެންޓުގައި ހުރި އިދާރީ ފީ އެއް ޕަސެންޓަށް ކުޑަ ކޮށްފައިވާ ކަމަށާއި ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށްފައިވާ ކަމަށާއި ކުރިން ބޮޑު ރޭޓުގައި ފައިސާ އަނބުރާ ދައްކާފައިވާ ދަރިވަރުންގެ ލޯނުން އެބައި އުނިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އަދި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްކުރާނީ އުފެއްދުންތެރި ހަރުދަނާ ޒިންމާދާރު ދިވެހި ޒުވާނުންގެ ހުރި މިފަދަ ހުރިހާ ބުރައެއް ލުއިކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުން ކަމަށާއި އެ މުދައްރިސުންނަށް ބޭނުންވެ، މިހާތަނަށް ނުވެހުރި ގިނަ ބޭނުންތައް މިހާތަނަށް ފުރިހަމަ ކޮށްދެވިފައިވާ ކަމަށާއި އަދިވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫޢުތައް އެބަހުރި ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް