ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަޔަށް ހެޔޮ ބަދަލެއް ގެނެސްދޭނަން: ރައީސް ސޯލިހް

ސަރުކާރު މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢު ނިމިގެންދާއިރު ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށް ރައީސުލ...

06 Feb 2023 | 07:37

ސަރުކާރު މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢު ނިމިގެންދާއިރު ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހު މިކަން އިއުލާނުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

ސިވިލް ސާވިސް ގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތުގެ ތެރެއިން މި އަހަރުގެ މޭ މަހުން ފެށިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ފެށި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މުސާރަތައް ބޮޑުކޮށްފައި ވަނީ ތައުލީމީ ދާއިރާ ގައި މަސައްކަތް ކުރާ ޓީޗަރުންގެ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިގޮތުން، މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރަތައް ބޮޑުކޮށްފައިވާ ކަމަށާއި ދެން ކުރިއަށް އޮތީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މި އަހަރު ބޮޑު ކުރުން ކަމުގައި ރައީސް ވިދާޅުވެފައި ވެއެވެ.

އަދި އަންނަ މާރިޗު މަހުން ފެށިގެން ކޮލެޖުތަކާއި ޔުނިވާސިޓީތަކު ގައި މަސައްކަތް ކުރާ ލެކްޗަރާއިންގެ މުސާރަތައް ބޮޑު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާއާއި އިމާމުންނާއި މުދިމުން ވެސް ހިމެނޭހެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލެއް ގެނެސް ދެއްވާނެ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް