ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ސަރުކާރުން ދެމުން އަންނަ ޑިސްއެބިލިޓީ އެލަވަންސް އަންނަ ޖޫން މަހު ބޮޑު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިހު މިކަން އިއުލާނުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ބޮޑު ކުރާކަން ހާމަކޮށްފައި ވާއިރު މިހާރު ދެމުން އަންނަ މަހަކު 2،000ރ.ގެ އެލަވަންސް ކުޑަ ކަމަށް ބުނެ ނުކުޅެދުންތެރި ކަން ހުންނަ ފަރާތްތަކުން ވަނީ މީގެ ކުރިން ރައީސަށް ދަންނަވާފަ އެވެ.
އެގޮތުން މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ ޑިސްއެބިލިޓީ އެލަވަންސް އަންނަ ޖޫން މަހު ބޮޑު ކުރައްވާނެ ކަމަށެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ހިދުމަތްތަކަށް ވަކި ސެންޓަރެއް މި ހަފްތާގެ ތެރޭގައި ހުޅުމާލޭގައި ހުޅުވާނެކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގައި ޒުވާނުން ބާކީވެ، މަގުމަތިވުމުގެ ފުރުސަތު ނައްތާލުމަށް ޒުވާނުންނަށް ހިންގާ ތަމްރީން ޕްރޮގްރާމްތައް ގިނަކޮށް، ހިލޭ ޑިގްރީ ތައާރަފުކުރުމުގެ ހެޔޮ ނަތީޖާ ފެންނަމުންދާ ކަން ފާހަގަ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް