އިޓާލިއަން ސެރިއޭގައި ރޭ އޭސީ މިލާން އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގު ތާވަލްގެ ދެވަނަ އަށް އިންޓަ މިލާނުން ޖެހިލައިފިއެވެ.
އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އިންޓައިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. މިލާންގެ އޭރިޔާތެރޭ ހުސްކޮށް ހުރެ މާޓިނޭޒް ފޮނުވާލި ބާރު ހަމަލާ މިލާންގެ ގޯލް ކީޕަރު މަތަކުރިއިރު، މެޗުގެ ނުވަވަނަ މިނެޓުގައި މާޓިނޭޒް ބޮލުން ފޮނުވާލި ހަމަލާ އެއްވެސް ގޯލާއި އަމާޒު ނުވިއެވެ.
މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި އިންޓައަށް ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިސަންޑްރޯ މާޓިނޭޒްއެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ހަކާން ކަލަންގްލޫ ނެގި ކޯނަރެއްގައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ދެވަނަ ހާފުގައިވެސް އިންޓައިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެޓީމުން ވަނީ ދެވަނަ ލަނޑެއް ވެސް ޖަހާފައެވެ. މާޓިނޭޒް ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ވަނަމަވެސް ވީއޭއާރު ބެލުމަށް ފަހު މި ލަނޑު ބަލައިގެންފައި ނުވަނީ އޮފްސައިޑް ލަނޑެއް ކަމަށް ވުމުންނެވެ.
މި މޮޅާއި އެކު އިންޓަ އިން ތާވަލުގެ ދެވަނަ އަށް ޖެހިލިއިރު، އެޓީމު ދެވަނާގައި އޮތީ ކުޅުނު 21 މެޗުން 43 ޕޮއިންޓް ލިބިގެންނެވެ. އަދި އިންޓަ އަތުން ބަލިވި މިލާން އޮތީ 21 މެޗުން 38 ޕޮއިންޓް ލިބިގެން ހަވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް