ޖަރުމަން ލީގު: ވުލްވްސްބާގްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާ ބަޔާން އަލުން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި ރޭ ވުލްވްސްބާގާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަ މޮޅެއް ހޯދާ ބަޔާން މިއުނިކުން އަލުން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމ...

06 Feb 2023 | 04:24

ޖަރުމަނު ލީގުގައި ރޭ ވުލްވްސްބާގާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަ މޮޅެއް ހޯދާ ބަޔާން މިއުނިކުން އަލުން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބަޔާންއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ނުވަނަ މިނެޓުގައެވެ. މި ލަނޑު ބަޔާންއަށް ކާމިޔާބު ކޮށްދިނީ ޑާވީސްގެ އެހީތެރިކަމާއި އެކު ކިންގްސްލީ ކޯމަންއެވެ.

އޭގެ ހަ މިނެޓު ފަހުން މެޗުގެ 14 ވަނަ މިނެޓުގައިި ޔާއޯ ކަންސޭލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޯމަން ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހައިދީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ބަޔާންގެ ތިންވަނަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ޔޯސުއާ ކިމިކް ތަނަވަސްކޮށްދިން ފުރުސަތެއްގަ ކާމިޔާބު ކޮށްދިނީ ތޯމަސް މުލާއެވެ.

މެޗުގެ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ވުލްވްސްބާގްގެ ޖަކޫބް ކަމިންސްކީ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްދީފައެވެ.

ބަޔާންއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ބަޔާންއަށް އުނދަގޫތަކާއި ކުރިމަތިވީ ދެވަނަ ހާފު ފަށައިގެން މެޗުގެ 54 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ކިމިކް ދަނޑުން ފޮނުވާލުމުންނެވެ. މެޗުގެ ބާކީ ބައި އެ ޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

ބަޔާންއިން އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހާ ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 73 ވަނަ މިނެޓުގައި ބެންޖަމިން ޕަވާޑުގެ އެހީތެރިކަމާއި އެކު ޖަމާލް މުސިއާލާ ޖެހި ލަނޑާއި އެކުގަ އެވެ.

ވުލްވްސްބާގް އިން އެޓީމުގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 81 ވަނަ މިނެޓުގައި މަޓިއަސް ސްވަންބާގް އެވެ.

މި ނަތީޖާއާއި އެކު ބަޔާން ތާވަލްގެ އެއްވަނާގައި އޮތީ ކުޅުނު 19 މެޗުން 40 ޕޮއިންޓް ލިބިގެންނެވެ. ބަޔާންއަތުން މި މޗުން ބަލިވި ވުލްވްސްބާގް އޮތީ ކުޅުނު 19 މެޗުން 29 ޕޮއިންޓް ލިބިގެން ހަތްވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް