ނަފްސާނީ ބަލިތަކަށް ބޭނުން ކުރަމުން އަންނަ ބޭހެއްގެ ބެޗެއް ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރި އިއުލާނެއްގައި ބުނީ ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ތަހުލީލު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރާ ކަމަށެވެ.
އެމްއެފްޑީއޭ އިން ކުރި ތަހުލީލުތަކުގެ ނަތީޖާ އިން "އިމީޕްރާމީން ހައިޑްރަކްލޮރައިޑް" ކިޔާ ބޭހުގެ އެކްޓިވް އިންގްރީޑިއަންޓްގެ މިންވަރު ދަށްކަމަށް ދައްކާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
އަދި އެމްއެފްޑީއޭ އިން ބުނީ އެ ބޭހުގެ '2141H003' ބެޗު ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެއް ކަމަށާއި މިހާރު ބާޒާރުގައި ވިއްކަން ހުރި މި ބެޗުގެ ބޭސްތައް ވެސް އެ އޮތޯރިޓީން ނަގަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން، މިހާރުވެސް މިބޭސް ބޭނުން ކުރަމުންދާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރ 7200321 އަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރުމަށް އެދިފައި ވެއެވެ.
އެމްއެފްޑީއޭއިން ބުނީ އިންޑިއާގެ ޓޮރެންޓް ފާމަސޫޓިކަލްސް އިން އުފައްދާ މި ބޭހުގެ މުއްދަތު ހަމަވާ ތާރީހަކީ 2025، ޖުލައި ކަމަށެވެ.
ރާއްޖޭގައި ބޭނުންކުރުން ހުއްދަ ބޭސްތަކާއި ހުއްދަ ނޫން ބޭސްތައް ކަނޑައަޅާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީއަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިދާރާ އެވެ.
މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ އުފެއްދުން ތަކަކީ އެތެރެ ކުރުން ހުއްދަ ތަކެތިތޯ އެއަރޕޯޓާއި ސީޕޯޓްގައި ޗެކްކުރާނީ ވެސް އެ އޮތޯރޮޓީންނެވެ.
.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް