ލަތާ މަންގޭޝްކަރް، 1929-2022

އިންޑިއާގެ ލެޖެންދަރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު މަރުވި ޚަބަރަކީ އިންޑިއާގެ ގިނަ ބަޔަކަށް ހިތްދަތިކަން ގެނުވި ޚަބަރެކެވެ. އެތައް ބަޔަކު އެ ހިތާމައިގާ ބައިވެރިވެ، ކަރުނުން ދެލޯ ތެންމާލިއެވެ. އެ...

06 Feb 2022 | 17:18

އިންޑިއާގެ ލެޖެންދަރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު މަރުވި ޚަބަރަކީ އިންޑިއާގެ ގިނަ ބަޔަކަށް ހިތްދަތިކަން ގެނުވި ޚަބަރެކެވެ. އެތައް ބަޔަކު އެ ހިތާމައިގާ ބައިވެރިވެ، ކަރުނުން ދެލޯ ތެންމާލިއެވެ.

އެހެންކަމުން ލަތާ މަންގޭޝްކަރުގެ ހަޔާތަށް ކުޑަނަމަވެސް ކަޅިއެއް ހިންގާލުމަކީ އެންމެރަނގަޅު ކަމެއްކަމުގައި ދެކި ގަލަން ހިންގާލާނަމެވެ.

ލަތާއަކީ މިއުޒިކީ ޢާއިލާއަކަށް ނިސްބަތްވާ ފަންނާނެކެވެ. ލަތާގެ ބައްޕަ ދިނާނަތު މަންގޭޝްކަރަކީ ޑްރާމާ ކުންފުންޏެއް ހިންގި ގްވާލިއޯރް ޝާހީ ޚާންދާންގެ މިއުޒީޝަނެކެވެ.

ލަތާ އުފަންވީ އިންދޯރުގެ ސިކުން ދިރިއުޅޭ އަވަށެއްގައެވެ. އޭނާ އުޅެ ބޮޑުވީ މަހަރާޝްޓްރާގެ ކޯލާޕޫރުގައެވެ.

ލަވަ ކިޔުމުގެ އިތުރުން ލަތާއަކީ ސިޔާސީ ދާއިރާގައި ވެސް އިންޑިއާގައި ފާހަގަކުރެވުނު ޝަކްސިއްޔަތެކެވެ. އެގޮތުން އިންޑިއާގެ ޕާލަމެންޓްގެ މަތިގޭގެ މެމްބަރުކަން ވަނީ ކޮށްފައެވެ. ރާޖިޔަ ސަބާއަށް އިންތިޚާބުވީ ބީޖޭޕީގެ ތާއީދާއެކުގައެވެ. 1999 ނޮވެމްބަރ 22 ން 2005 ވަނަ އަހަރުގެ ނޮވެމްބަރ 21 އާ ހަމައަށް ލަތާ ވަނީ މެމްބަރުކަން ކޮށްފައެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މަތިގޭގެ މެމްބަރުކަމުގައި ލަތާ ހޭދަކުރި ދުވަސްތަކުގައި ޕާލަމެންޓުން އިނާޔަތެއް އަދި މުސާރައެއްވެސް ނަންގަވާފައި ނުވެއެވެ. އަދި ޕާލަމެންޓުން ލަތާގެ އެކައުންޓަށް ޖަމާކުރި ފައިސާ އަނބުރާ ފޮނުވާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ސިޔާސީ މައިދާނުގައި ހަ އަހަރު ހޭދަކުރި އިރު، ލަތާ ކޮށްފައިވާ ހަމައެކަނި ސުވާލަކީ " ރޭލުތައް ފުރޮޅަނީ ކިއްވެގެން ތޯއެވެ؟" ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ. އަދި ޕާލަމެންޓަށް ހާޟިރުވެފައިވަނީ އެންމެ 12 ދުވަހު ކަމަށާއި އެ ދުވަސްތަކުގައި ވެސް ވަގުތު ފުރިހަމަނުކޮށް، މަތިގެއިން، ޕާލަމެންޓު ޖަލްސާ ނުނިމެނީސް ގޮސްފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ދުވަހަކު ވެސް ކައިވެންޏެއް ކޮށްފައި ނުވާ ލަތާ މަންގޭޝްކަރްގެ ސިޔާސީ ހަޔާތް މިހެން އޮތް ނަމަވެސް ލަވަ ކިޔުމުގެ ރޮނގުން ގިނަ އެވޯޑުތަކެއް ވެސް ލިބިފައެވެ.

އޭގެ ތެރޭގައި ނެޝަނަލް ފިލްމް އެވޯޑްސް، ބީއެފްޖޭއޭ އެވޯޑްސް، ފިލްމްފެއަރ އެވޯޑު ފޮރ ބެސްޓް ފީމޭލް ޕްލޭބެކް ސިންގަރ، ފިލްމްފެއަރ ސްޕެޝަލް އެވޯޑު އަދި ފިލްމްފެއަރ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ހިމެނެއެވެ.

މީގެ އިތުރުން ޕަދްމާ ބުޝާން އޮނަރ، ދާދާސާހެބް ޕަލްކޭ އެވޯޑު، މަހާރަޝްތުރާ ބުޝާން، ޕަދްމާ ވިބުޝާން، ބާރަތް ރަތްނާ އަދި ލެޖަން އޮފް އޮނަރ 2007 ވެސް ވަނީ ލަތާ ހާސިލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް