ގައުމަށް އުފާވެރިކަން ގެނެސްދޭނެ، އުފެއްދުންތެރި ބަޔަކަށްވުމަށް ޖެންޑަރ މިނިސްޓަރ އިލްތިމާސް ކުރައްވައިފި

ހަވާސާއިން ބޭރުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ހަމަޖެހުމުން ނޫނީ އެދެވޭ ޚިދުމަތެއް ފޯރުކޮށެއް ނުދެވޭނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާ...

06 Feb 2022 | 13:12

ހަވާސާއިން ބޭރުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ހަމަޖެހުމުން ނޫނީ އެދެވޭ ޚިދުމަތެއް ފޯރުކޮށެއް ނުދެވޭނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ވ.ފެލިދޫގައި 'އިބަމަ' އިފްތިތާޙް ކުރުމާއި އިނިޝިއޭޓިވް ޓްރެއިނިން ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ، މިއަދު ފެށިގެންމިދާ ތަމްރީން ޕްރޮގްރާމަކީ ވ. އަތޮޅުގެ، މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް އެޅޭ ބިންގާގެ ފެށުންކަން ޔަގީން ކަމަށެވެ. އަދި މި ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ގައުމަށް އުފާވެރިކަން ގެނެސްދޭނެ، އުފެއްދުންތެރި ބަޔަކަށްވުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

''އިބަމަ'' ނުވަތަ އިޖްތިމާޢީ ބަދަހި މަދަދުވެރިންނަށް ޚާއްސަކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން މިއަދު މިތަޢާރަފް ކުރާ ޚާއްސަ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސް ނެންގެވުމުގެ މަތިން ފެއްޓެވި ޕްރޮގްރާމެކެވެ. އަދުގެ ސިޔާސަތަކީ، ކޮންމެ ރައްޔިތަކީ ވެސް ރައްކާތެރިކަމާ އަމާން މާހައުލެއްގައި އުޅެވޭނެ ބަޔަކަށް ހެދުން ކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދުރު ވިސްނުންފުޅާ އެއްގޮތަށް މިއަދު ފެށިގެން މިދާ ޕްރޮގްރާމްގެ ސަބަބުން ގިނަ ބަޔަކަށް އެކަމުގެ މަންފާ ކުރާނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ.

"އިބަމަ" ނުވަތަ "އިޖްތިމާޢީ ބަދަހި މަދަދުވެރިން"ނަކީ އެރަށެއްގެ ރައްޔިތުން ކަމަށްވާއިރު، އެރަށެއްގެ އިޖުތިމާޢީ މައްސަލަތައް ދެނެގަތުމާއި، އެކަންކަމަށް ބޭނުންވާ ޙައްލު އެންމެ ރަނގަޅަށް އެނގޭނީ އެރަށެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކަމަށް ވާތީ ކަމަށާއި އެފަރާތްތަކަށް ވާޞިލްވެ، އެ ފަރާތްތަކުގެ ޙާލަތު އެންމެ ގާތުން ބެލޭނީ ހަމަ ތިބޭފުޅުންނަށް ކަމަށް ވާތީ ކަމަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވި އެވެ.

ރަށުފެންވަރުގެ ޓީމަކަށް. ތަރުބަވީ މުޖުތަމަޢެއް ބިނާކުރުމަށް، މި ސަރުކާރުން ކުރަމުންގެންދާ މިމަސައްކަތް ކާމިޔާބު ކުރެވޭނީ ތިބޭފުޅުންގެ މަސައްކަތުން." މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.

ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ ކަމެއް ބޮޑުވެގެން ދިއުމުގެ ކުރިން އެކަމަކަށް ހައްލު ގެނެސްދެއްވާ ބަޔަކަށް އިބަމައިގައި ތިއްބާ ބޭފުޅުން ވާންވާނެ ކަމަށާއި، ރައްޔިތުންގެ ޙާލަތު ދެނެގަނެ، ރައްޔިތުންގެ އިޙްސާސްތައް ފުރިހަމަކޮށް ދެއްވާ ބަޔަކީ އިބަމަ ބޭފުޅުން ކަމަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވި އެވެ. މިހާތަނަށް އައި އިރު ރާއްޖޭގެ 3 ރަށެއްގައި 73 ފަރާތެއް ވަނީ އިބަމަ ޓްރެއިނިން ފުރިހަމަކޮށްފައެވެ.

ރައްކާތެރިކަން ދުރާލާ ކަށަވަރު ކުރުމަށާ، މިހާރާއި ކުރިމަގުގެ ޖީލުތަކުގެ ދުޅަހެޔޮކަމަށް މިއަދު މިފެށުނު ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވިގެން ދާއިރު، މިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެމަނިކުފާނަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް